ގެވެށި އަނިޔާގެ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާ މިންވަރު މަދުކަން ފާހަގަކޮށް އެފަދަ މައްސަލަތައް އަވަހަށް ތަހުގީގު ކޮށް ފިޔަވަޅު އަޅައި އަނިޔާ ލިބުނު މީހުންނަށް އިންސާފް ހޯދައި ދިނުމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) އިން ގޮވާލައިފިއެވެ.

އޭޑީއެމް އިން ބުނީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަ ތަކުގައި ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ 635 ފިރިހެނުންނާއި 156 އަންހެނުން ހިމެނޭ އިރު، މި ދަރަޖައަށް ގެވެށި އަނިޔާކުރާ މީހުން ތިބެ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅުން އަވަސް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ގޮވާލާ ކަމަށެވެ.

ޖިނާއީ އިންސާފު ގާއިމްކުރުމުގައި ހުރި ހީނަރުކަމުގެ އިތުރުން ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށިއަނިޔާ އިތުރުވާން ދިމާވާ ގިނަ ސަބަބުތަކެއް ހުރިކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން އެފަދަ އަމަލުތަކުގެ ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަކީ ދައުލަތުގެ މަގާމުތަކުގައި މިހާރު ވެސް ތިބި މީހުން ކަމަށާއި އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ މި ފަދަ މައްސަލަ އިތުރުވާން ދިމާވާ ސަބަބެއް ކަމަށް ބުނެއެވެ. އަދި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭ ފަދަ ބަހުރުވަ ބޭނުން ކުރުމަކީ ވެސް އެކަމަށް ބާރުދޭ ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ ބައެއް އަމަލުތަކަކީ ހުއްދަ ކަންކަން ކަމަށް ހަދާ ބައެއް ފަރާތްތަކުން އާންމު ތަންތަނުގައި ދީނީ ފަތުވާ ދިން ނަމަވެސް އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ހާއްސަކޮށް ގެވެށި އަނިޔާ ހުއްޓުވުމަށް ސަރުކާރާއި ދިވެހި މުޖްތަމައުގައި ބަސްވިކޭ މީހުން، ޝިއާރު ފާޅުކުރާ މީހުން އަޑު އުފުލައި މުޖްތަމައުއަށް އޮންނަ އެ މީހުންގެ ޒިންމާ އަދާކޮށް ހެޔޮ މިސާލު ދެއްކުން އަވަސް ކުރުމަށް އެފަދަ މީހުންގެ ކިބައިން އޭޑީއެމުން އެދޭ ކަމަށް ބުނެއެވެ.

ގެވެށި އަނިޔާ ލިބުނުކަމަށް މިދިޔަ އަހަރު ފާހަގަކުރެވޭ އަންހެނުންގެ ނިސްބަތް 76 ޕަސެންޓްގައި ހުރި އިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ "އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ކުރެވޭ އަދަދު މަދުކަން ފާހަގަ ކުރެވޭ" ކަމަށެވެ. މީގެ އިތުރުން، "ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ދީން ބޭނުން ކުރާ" ކަމަށާއި "އަންހެނުންނަށް އަނިޔާ ކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުން ކުރާކަން" ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގަ އިބުނެފަ އިވެއެވެ.

އެފްޕީއޭއަށް މިދިޔަ އަހަރު ގެވެށި އަނިޔާގެ 637 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރޭގައި ގްރޭޓާ މާލެ އޭރިއާ އިން 412 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. ޖުމުލަކޮށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު އެފްޕީއޭގެ ހިސާބުތަކުގައި ޖިސްމާނީ އަނިޔާގެ 388 މައްސަލައާއި ޖިންސީ އަނިޔާގެ 90 މައްސަލަ އާއި ބަހުގެ ހަމަލާ ދިނުން ނުވަތަ ނަފްސާނީ އަނިޔާގެ 495 މައްސަލަ އާއި މާލީ ގޮތުން ނުވަތަ އިގްތިސޯދީ ގޮތުން ދަތިކުރުމުގެ 81 މައްސަލަ ހިމެނެއެވެ.