އަންނަ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ދުނިޔޭގެ ފުޓްބޯޅައާ ބެހޭ ޖަމިއްޔާއިން އާ ގިނަ ގަވައިދުތަކެއް ތައާރަފް ކުރާނެއެވެ. މި ގޮތުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ ނުވަތަ ވީއޭއާރުގެ ރޯލު ފުޅާކޮށް ކުޅުންތެރިންގެ ސިއްހަތާ ދުޅަހެޔޮކަމާ ގުޅޭ ގަވައިދުތައް އިތުރުކޮށް ގަޑި ބޭކާރު ކުރުމާ ނަސްލީ ތަފާތުކުރުންތައް ފަދަ ކުޅުވަރުގެ ރޫހާ ހިލާފު އަމަލުތައް ހުއްޓުވުމަށް މިއާ ގަވައިދުތައް ބާރު އަޅާނެއެވެ.
އަނގަ ފޮރުވައިގެން އިދިކޮޅު ކުޅުންތެރިއަކާ ވާހަކަ ދައްކާ ނަމަ ރަތް ކާޑެއް
މިއީ މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުގައި ރިއާލް މެޑްރިޑްއާ ބެންފީކާއާ ދެމެދު ކުޅުނު މެޗެއްގެ ތެރެއިން ދިމާވި ހާދިސާއަކުން އުފަންވެގެން އައި ގަވައިދެކެވެ. އެ މެޗުގައި ރިއާލްގެ ބްރެޒިލްއަށް ނިސްބަތްވާ ފޯވަޑް ވިނީސިއާސް ޖޫނިޔާ ވަނީ ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އޭނާއަށް އަނގަބަހުން ފުރައްސާރަކޮށް ނަސްލީ ތަފާތު ދޭހަވާފަދަ ބަސްމަގެއް ބޭނުންކޮށްފައިވާ ކަމަށެވެ. މިކަން ޕްރެސްޓިއާނީ ފުރަތަމަ ދޮގުކުރި އިރު މެޗުގައި އޭނާ ޖޫނިޔާއާ މުހާތަބްކުރަނީ އަނގަ ފޮރުވައިގެން ހުރެއެވެ. އަދި ފަހުން އޭނާ ޖޫނިއާއަށް ފުރައްސާރަ ކުރި ކަމަށް ބެންފީކާގެ ކުޅުންތެރިޔާ އެއްބަސްވީ އިރު އޭނާއަށް ވަނީ ވޯލްޑްކަޕްގެ މެޗުތައް ހިމެނޭ ގޮތަށް 6 މެޗުގެ ބޭނެއް ދީފައެވެ.
ފީފާއިން ބުނަނީ މި ވޯލްޑްކަޕްގައި ކުޅުންތެރިންގެ ދެމެދު ހިންގާ ދެބަސްވުން ފަދަ މުއާމަލާތްތަކުގައި އަނގަ ފޮރުވައިގެން ވާހަކަ ދައްކާ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް، ރަހްމަތްތެރިކަމާއެކު އެކަކު އަނެކަކާ މުއާމަލާތް ކުރާ އިރު އެގޮތަށް އަމަލުކުރިއަސް ފިޔަވަޅު ނާޅާނެ ކަމަށް ވެސް ފީފާއިން ބުންޏެވެ.
ވީއޭއާރްދޭ ބާރު އިންތިހާއަށް ފުޅާކުރުން
ފުޓްބޯޅައިގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ ނުވަތަ ވީއޭއާރް ބޭނުންކުރަން ފެށުމާއެކު އެކި އެކި ޝަކުވާތައް އައެވެ. ކުޅުމުގެ ފޯރި ގެއްލެނީ ކަމަށާ ފުޓްބޯޅައިގެ އަސްލު އޮޅުވާލަނީ ކަމަށް ބުނެ ގިނަ ބަޔަކު އަޑުގަދަކުރިއެވެ. އެހެން ނަމަވެސް މިހާރުގެ ފުޓްބޯޅައިގައި ކޮންމެ ނިންމުމެއް ވީއޭއާރްގެ ތޫނު ނަޒަރުން 'އެނަލައިޒް ކުރާ އިރު' އެނިންމުމަކީ މިހާރު ކުޅުންތެރިން ވެސް އަދި ސަޕޯޓަރުން ވެސް ބަލަން ބޭނުންވާ ނިންމުމެކެވެ. އަންނަ ބުރާސްފަތީގައި ފެށޭ ވޯލްޑްކަޕް މުބާރާތުގައި ވީއޭއާރްއަށް ދީފައިވާ ބާރުތައް އިތުރުވެގެންދާނެއެވެ. އަދި ދަނޑުމަތީގައި ނިންމާ ތިން ނިންމުމެއްގައި ވީއޭއާރުން ބަސްބުނާނެއެވެ. މިގޮތުން،
ކުޅުންތެރިންނަށް ދަނޑުމަތީގައި ދައްކާ ރީނދޫކާޑުތައް ނުބައި ނަމަ ރެފްރީގެ ނިންމުން ބަދަލުކުރުމުގެ ބާރު ވީއޭއާރްއަށް ދޭނެއެވެ. އަދި ނުބައިކޮށް ދެވޭ ކޯނަރުގެ ނިންމުން އަނބުރާލުމުގެ ބާރު ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީއަށް ލިބިގެންދާނެއެވެ.
ބަދަލުކުރާ ކުޅުންތެރިޔާއަށް ދަނޑުފައިބަން ލިބޭނީ އެންމެ 10 ސިކުންތު
މި ފަހަރުގެ މުބާރާތަށް ގެނައި ބަދަލުތަކާއެކު ފީފާއިން މިވަނީ ވަގުތު ބޭކާރު ކުރުމާ ގަޑި ދުއްވުމަށް ޓީމުތަކުން ގެންގުޅޭ އެކި އެކި އުކުޅުތަކަށް ފިޔަވަޅު އަޅާފައެވެ. މިގޮތުން، މެޗުގެ އެންމެ ނާޒުކު ވަގުތުގައި ގެންނަ ބަދަލުތަކުގައި ކުޅުންތެރިން ދަނޑު ފޭބުމުގައި ލަސްކޮށް މެޗުގެ ގަޑި ދުއްވާ ހަދައެވެ. އެހެން ނަމަވެސް މިފަހަރުގެ ޓޯނަމަންޓްގައި ދަނޑުމަތީ ހުންނަ ކުޅުންތެރިޔާއަށް ދަނޑުން ފޭބުމަށް ލިބޭނީ އެންމެ 10 ސިކުންތެވެ. 10 ސިކުންތުގެ ތެރޭގައި އޭނާއަށް ދަނޑުން ނުފޭބިއްޖެނަމަ ދެން އަރަން ހުރި ކުޅުންތެރިޔާއަށް ދަނޑަށް އެރޭނީ ބޭލި ކުޅުންތެރިޔާ ފޭބިތާ 1 މިނެޓް ފަހުންނެވެ.
މި ގަވައިދު އިންޖަރީވާ ކުޅުންތެރިންގެ މައްޗަށް ނުހިނގާނެއެވެ.
މީގެ އިތުރުން އެލުން އަދި ކީޕަރުގެ ޖެހުންތަކަށް މިމުބާރާތުގައި ލިބޭނީ 5 ސިކުންތެވެ. 5 ސިކުންތުގެ ތެރޭގައި އެއްލުމެއް ނޭލިއްޖެނަމަ އެ އެއްލުން ދެން ލިބޭނީ އަނެއް ޓީމަށެވެ. އަދި ކީޕަރުގެ ޖެހުމަށް ފަސް ސިކުންތައް ވުރެ ގިނަ އިރު ހިނގައިފިނަމަ އިދިކޮޅު ޓީމަށް ކޯނަރެއް ލިބިގެންދާނެއެވެ.
ރުޅި އައިސްގެން ދަނޑުފައިބައިގެންދާ ކުޅުންތެރިންނަށް ދެން އަލުން ކުޅެން ނޭރޭނެ
ދާދި ފަހުން ދަނޑުމަތިން ފެނިގެން ދިޔަ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަނެއް ގަވައިދަކީ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދަނޑުން ފައިބައިގެންދާ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމެވެ. އަދި ކުޅުންތެރިން ދަނޑުން ފޭބުމަށް ހިތްވަރުދޭ ޓީމުގެ އޮފިޝަލުންނަށް ވެސް ރަތް ކާޑު ދައްކާނެއެވެ. ދަނޑުން ފައިބައިގެންދާ ޓީމު މެޗު ދޫކޮށްލީ ކަމަށް ވެސް އާގަވައިދުގައި ބަލާނެއެވެ.
މިއީ މިއަހަރުގެ ޖެނުއަރީގައި މޮރޮކޯގައި ބޭއްވި އެފްކޯންސް މުބާރާތުގެ ފައިނަލްގައި ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ސެނެގާލްގެ ޓީމުން ދަނޑު ދޫކޮށް ދިއުމުގެ ހާދިސާއަށް ބިނާކޮށް ހަދާފައިވާ ގަވައިދެކެވެ.
މީގެ އިތުރުން، މިފަހަރު އަލަށް ގެންނަ ގަވައިދުތަކުގެ ތެރޭގައި މުބާރާތުގެ ކޮންމެ މެޗެއްގެ ދެ ހާފްގައި ވެސް ކުޅުންތެރިންނަށް 3 މިނެޓްގެ ފެން ބްރޭކެއް ދިނުން ފާހަގަކޮށްލެވެއެވެ. މި ގޮތަށް ކުޅުން މެދުކަނޑާލާފައި އޮންނަ އިރު ކޯޗުންނަށް ކުޅުންތެރިންނަށް އިރުޝާދު ވެސް ދެވޭނެއެވެ. ކުޅުންތެރިންނަށް އިރުޝާދު ނުދެވޭނީ ކީޕަރަށް ލިބޭ އަނިޔާއެއްގައި ދަނޑުމަތިން ފަރުވާ ދޭ ގަޑީގައެވެ. މިގޮތަށް ބަދަލު ގެނައި ވެސް ކީޕަރަށް ދަނޑުގެ ބޭރުގައި ފަރުވާ ނުދެވޭނެތީއާ އެކަމުގެ ނާޖާއިޒު ފައިދާ ބައެއް ޓީމުތަކުން ނަގާތީއެވެ.
