މިމަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑްކަޕްގައި ބައިވެރިވާ 48 ޓީމުން މުބާރާތް އޮންނަ ތިން ގައުމުގައި މިހާރު ކޭމްޕްކުރަމުންދާ އިރު ގްރޫޕް ސްޓޭޖުގައި އަނެއްކާވެސް ފޯރިގަދަ ގިނަ މެޗުތަކެއް ފެނިގެންދާނެ ކަމަށް ބެލުންތެރިން އުއްމީދުކުރެއެވެ. މިގޮތުން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް ހިމެނޭ ގްރޫޕް ސީ ގައި ދެން އޮތް މޮރޮކޯ، ހައިޓީ އަދި ސްކޮޓްލޭންޑްގެ ފަރާތުން ވާދަވެރި ކުޅުންތަކެއް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ބްރެޒިލް

ބްރެޒިލްގެ ވޯލްޑްކަޕް ސްކޮޑުގައި ނޭމާ ހިމެނޭކަން އިއުލާނުކުރުން ސްޕޯޓަރުން އުފާ ފާޅުކުރަނީ/ފޮޓޯ: ގޫގަލް

އިރެއްގައި ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރި ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑްކަޕަށް ވެސް ކުއަލިފައިވި ހަމައެކަނި ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ރިކޯޑް 5 ފަހަރު އެޓީމުން މި ތަށި އުފުލާލާފައިވާ އިރު އެންމެ ފަހުން އެޓީމުން ވޯލްޑްކަޕް ކާމިޔާބުކުރީ 2002 ވަނަ އަހަރެވެ. އޭނގެ ފަހުން ދެން ކުޅުނު އެއްވެސް މުބާރާތެއްގެ ފައިނަލާ ހިސާބަށް ބްރެޒިލް ނުދެވުނު އިރު މިފަހަރުގެ މުބާރާތަކީ މި ހަގީގަތް ބަދަލުކޮށްލާނެ ފަހަރަށް ވެދާނެއެވެ.

ރިއާލްގެ ކުރީގެ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗަލޯޓީގެ ބެލުމުގެ ދަށުން ބްރެޒިލް މިފަހަރުގެ މުބާރާތަށް ދާއިރު ވޯލްޑްކަޕް ސްކޮޑުގައި އޭނާ ހިމެނި ކުޅުންތެރިންނާ މެދު ވަނީ ޝަކުވާ ބޮޑުވެފައެވެ. މިގޮތުން، ޗެލްސީގެ ޒުވާން ފޯވަޑް ޖައޯ ޕެޑްރޯ އަދި ރިއާލް ބެޓިސްގެ އެޓޯނީ ފަދަ ކުޅުންތެރިންގެ ބަދަލުގައި ބާސަލޯނާ އަދި ޕީއެސްޖީއަށް ކުރިން ކުޅުނު ނޭއިމާ ވޯލްޑްކަޕަށް ގެންދިއުމަށް ނިންމުމަކީ އެންޗޮލާޓީއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ކަމެކެވެ. އަދި ނޭމާ ގައުމީ ޓީމުގެ ކޭމްޕަށް އައި ކުޑަކަޅުވާގެ އިންޖަރީއަކާ އެކުކަން މީޑިއާއަށް އެނގުނު ހިސާބުން އަންޗޮލާޓީއަށް ގިނަ ސުވާލުތައް އަމާޒުވިއެވެ. މި އިންޖަރީއިން އަރައިގަންނަން 2 ނުވަތަ 3 ހަފްތާ ނަގާނެ ކަމަށް ރިޕޯޓްތައް ބުނާ އިރު އެންޗޮލާޓީ ބުނަނީ ނޭމާ ވޯލްޑްކަޕް 2026 ގެ ދަނޑުމަތިން ފެންނާނެ ކަމަށެވެ.

މޮރޮކޯ

2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި މޮރޮކޯއަށް ލިބުނީ 4 ވަނަ/ފޮޓޯ: ގޫގަލް

މޮރޮކޯ އަކީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގައި އެންމެ ގަދައަށް ވިދާލި އެއް ޓީމެވެ. އެއަހަރުގެ ސެމީ ފައިނަލަށް މޮރޮކޯ ދިޔަ އިރު އެޓީމަކީ ވޯލްޑްކަޕް މުބާރާތެއްގެ ސެމީއަށް ދިޔަ ފުރަތަމަ އެފްރިކާ އަދި އަރަބި ޓީމެވެ. ސެމީގައި ފްރާންސް އަތުން ބަލިވެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުން ކްރޮއޭޝިއާ އަތުން ބަލިވި ނަމަވެސް އެފަހަރު މޮރޮކޯ ވެގެން ދިޔައީ ސަޕޯޓަރުންގެ ލޯބި އެންމެ ގިނައިން ލިބުނު ޓީމަށެވެ.

މިފަހަރު ވެސް މޮރޮކޯ އަމާޒު ހިފާފައި އޮތީ އަލުން ސަޕޯޓަރުންގެ ލޯބި ހޯދުމަށެވެ. ހާއްސަކޮށް މިއަހަރު އެގައުމުގައި އޮތް އެފްކޯންސް މުބާރާތުގެ ފައިނަލްގައި ސެނާގާލްއާ ވާދަކުރި މެޗުގައި ކަން ހިނގައިދިޔަ ގޮތުން މޮރޮކޯގެ ނަން ހަނޑިވެފައިވާ އިރު އެޓީމުން މަސައްކަތް ކުރާނީ މި ވޯލްޑްކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށެވެ. ހާއްސަކޮށް މޮރޮކޯގައި ކުރިއަށް ދިޔަ އެ މުބާރާތުގައި އެޓީމުން ނުހައްގުން ނަތީޖާތައް ނެރުނު ކަމަށް ބުނާ ތުހުމަތުތަކަށް މޮރޮކޯއިން ދަނޑުމަތީގައި ރައްދު ދިނުމަށް ބޭނުންވާކަން މީގެ ކުރިން ވެސް ވަނީ ހާމަކޮށްފައެވެ. ބްރެޒިލް ފަދަ ޓީމަކާ ކުޅެ ރަނގަޅު ނަތީޖާއެއް ނެރެގެން އެކަން ހާސިލްވާނެއެވެ.

ހައިޓީ

މިއީ 52 ވަނަ އަހަރު ފަހުން ހައިޓީ ވޯލްޑްކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރު/ފޮޓޯ: ގޫގަލް

މިފަހަރުގެ މުބާރާތަކީ ބައިގަރުނައަށް ވުރެ ގިނަ ދުވަހުގެ ފަހުން ހައިޓީ ވޯލްޑްކަޕަކުން ފެންނަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވޯލްޑްކަޕް މުބާރާތެއްގައި ހައިޓީ ފެނިގެން ދިޔައީ 1974 ވަނަ އަހަރެވެ. އެއީ އެގައުމުން މިހާތަނަށް ކުޅުނު ހަމައެކަނި މުބާރާތަށް ވީއިރު އެފަހަރުގެ މުބާރާތުން ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން ބަލިވެގެންނެވެ.

ހައިޓީ ވޯލްޑްކަޕަށް ގެންދަނީ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. މިގޮތުން އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއެއް ކަމަށްވާ ޑަކެންސް ނަޒޯން އަކީ އިންގްލޭންޑް، ފްރާންސް، ބެލްޖިއަމް، ސްކޮޓްލޭންޑްގެ އިތުރުން އިންޑިއާ، ބަލްގޭރިއާ އަދި ތުރުކީގައި ވެސް ކުޅެފައިވާ ކުޅަދާނަ ފޯވަޑެކެވެ. ނަޒޯން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 80 މެޗުގެ ތެރޭގައި 44 ގޯލު ޖަހާފައެވެ.

ސްކޮޓްލޭންޑް

ސްކޮޓްލޭންޑުން ބޭނުންވާނީ މެކްޓޮމިނީ ކަހަލަ ކުޅުންތެރިންގެ ހުނަރު ދައްކާލަން/ފޮޓޯ: ގޫގަލް

މިއީ ވޯލްޑްކަޕަކުން ސްކޮޓްލޭންޑް ފެނިގެންދާނެ 9 ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު 8 މުބާރާތުން ވެސް އެޓީމު ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ. 2019 ވަނަ އަހަރުން ފެށިގެން ސްކޮޓްލޭންޑްގެ ކޯޗުކަން ކުރަމުން އަންނަ ސްޓީވް ކްލާކްގެ މައިގަނޑު އަމާޒަކަށް މިފަހަރު ވާނީ ޓީމުގެ ތަރިންގެ ފަރާތުން މޮޅު ކުޅުމެއް ނެރެ ނަތީޖާތައް ދެއްކުމެވެ. މިގޮތުން ނަޕޮލީއަށް ކުޅޭ ސްކޮޓް މެކްޓޮމިނީ އަދި އެސްޓަން ވިލާގެ ޖޮން މިގިން އަކީ ނިމިދިޔަ ސީޒަންތަކުގައި އެކުޅުންތެރިންގެ ކްލަބްތަކަށް ކާމިޔާބީތައް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާ ކުރި ކުޅުންތެރިންނެވެ. ހަމައެފަދަ އިން ކެޕްޓަން އެންޑްރޫ ރޮބަޓްސަން ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުންވެސް ކްލާކް އެންމެ ރަނގަޅަށް ހިފާނެ ކަމަށް ބެލެވެއެވެ.