މިމަހުގެ 11 ވަނަ ދުވަހު މެކްސިކޯ، ކެނަޑާ އަދި އެމެރިކާގައި ބާއްވާ ވޯލްޑްކަޕްގައި 48 ޓީމެއް ފެނިގެންދާނެ އިރު ގްރޫޕް ސްޓޭޖްގައި 12 ގްރޫޕެއް ހިމެނެއެވެ. މިގޮތުން، މިފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ މި މުބާރާތުގެ އެއް ކޯހޯސްޓް ކަމަށްވާ ކެނެޑާ، 2022 ވަނަ އަހަރުގެ ކާމިޔާބު ވޯލްޑްކަޕް ބޭއްވި ގަތަރުގެ އިތުރުން ބޮސްނިއާ ހަޒްގޮވީނިއާ އަދި ސުވިޓްޒަލޭންޑެވެ.
ކެނެޑާ
މިމުބާރާތުގެ ކޯހޯސްޓެއްގެ ގޮތުން ކެނެޑާ އޮޓޮމެޓިކުން މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ އިރު އެގައުމުން މީގެ ކުރިން ދެފަހަރެއްގައި ވޯލްޑްކަޕް މުބާރާތެއްގައި ކުޅުނެވެ. މިގޮތުން 1986 ވަނަ އަހަރު އަދި 2022 ވަނަ އަހަރުގެ މުބާރާތްތަކުން ކެނެޑާ ފެނުނު ނަމަވެސް ދެފަހަރު ވެސް ގްރޫޕް ސްޓޭޖްގެ އެންމެ މެޗަކުން ވެސް މޮޅުނުވެ އެޓީމު ކަޓައިގެން ދިޔައީއެވެ. އެހެންކަމުން އަމިއްލަ ގައުމުގައި އޮންނަ މުބާރާތުގައި ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ކެނެޑާއިން ދެގުނަ މަސައްކަތްކުރާނެއެވެ.
މިކަމަށް ވާސިލްވުމަށް މުހިއްމު ދައުރެއް އަދާ ކުރާނެ ކުޅުންތެރިންގެ ތެރޭގައި ޖާމަނީގެ ބަޔާންއަށް ކުޅޭ އަލްފަންސޯ ޑޭވިސްގެ އިތުރުން އިޓަލީގެ ޔުވެންޓަސްއަށް ކުޅޭ ފޯވަޑް ޖޮނަތަން ޑޭވިޑް ހިމެނެއެވެ. ޑޭވިޑް އަކީ ކެނެޑާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. މިގޮތުން، 75 މެޗުގައި އޭނާ ވަނީ 39 ގޯލު ޖަހާ ދީފައެވެ.
ގަތަރު
2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގެ ފުރިހަމަ ވާހަކަ އަދި ވެސް ހަނދާނަށް އަންނަ އިރު، ހަނދާނަށް ނަންނަ އެއްޗަކީ މުބާރާތުގެ ހޯސްޓް ގަތަރުގެ ކުޅުމެވެ. އެފަހަރަކީ ވޯލްޑްކަޕަކުން ގަތަރު ފެނިގެން ދިޔަ ފުރަތަމަ ފަހަރަށް ވީ އިރު އަމިއްލަ ގައުމުގައި އޮތް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ގަތަރަށް މޮޅެއް ނުވެވުނެވެ. ބަދަލުގައި އެޓީމު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ އިރު އޭޝިޔާގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ ގަތަރުން މިފަހަރު އަމާޒު ހިފާނީ ގްރޫޕް ބީއިން ދެވަނަ ބުރަށް ދިއުމަށެވެ. މިފަހަރުގެ މުބާރާތުގައި ގަތަރުގެ އެންމެ އަލިގަދަ ފުޓްބޯޅަ ތަރި އަފީފް އަކްރަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ. 2019 ވަނަ އަހަރާ 2023 އޭޝިޔާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އަކްރަމް ވަނީ ގަތަރަށް ކުޅުނު 132 މެޗުގައި 42 ގޯލު ޖަހާފައެވެ.
ބޮސްނިއާ ހަރްޒުގޮވީނާ
މިއީ 12 އަހަރު ފަހުން ބޮސްނިއާ ވޯލްޑްކަޕަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޑިފެންސިވް ކުޅުމެއް ދައްކާ ބޮސްނިއާ މުބާރާތަށް ކޮލިފައިވީ ޕްލޭ އޮފްގައި ފުރަތަމަ ވޭލްސް ދެން ގަދަ ފަދަ އިޓަލީ ބަލިކޮށްފައެވެ. ބޮސްނިއާއިން މި ދެޓީމު ވެސް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ވޯލްޑްކަޕް މުބާރާތަކުން އެޓީމު ފެނިގެންދާނެ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގެ ގްރޫޕް ސްޓޭޖުން ބޮސްނިއާ ކެޓި ނަމަވެސް އެޓީމުން އެފަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއެވެ.
ބޮސްނިއާ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު ފޯވަޑް އެޑިން ޖެކޯގެ އިތުރުން ހާރިސް ޓެބަކޮވިޗް ހިމެނެއެވެ. 31 އަހަރުގެ ޓެބަކޮވިޗް ވަނީ މި ސީޒަންގައި އޭނާގެ ކްލަބް، ބޮރޯޝިޔާ މޮންޗެންގްލަޑްބާޗް އަށް 35 މެޗުގައި 15 ލަނޑު ޖަހާދީފައެވެ.
ސުވިޓްޒަލޭންޑް
މިއީ ވޯލްޑްކަޕް މުބާރާތަކުން ސުވިޓްޒަލޭންޑް ފެނިގެންދާނެ 13 ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ތިން މުބާރާތެއްގެ ގަދަ 8 އެއްގައި އެޓީމު ހިމެނުނު އިރު އެންމެ ފަހު ވޯލްޑްކަޕްގެ ކުއާޓާއަށް ސުވިސް ޓީމެއް ދިޔައީ 1954 ވަނަ އަހަރެވެ. އެހެން ކަމުން މި ފަހަރުގެ މުބާރާތުގައި ދެވަނަ ބުރު ފަހަނަ އަޅާ ކުއާޓާއަށް އަލުން ދިއުމުގެ ފުރުސަތު ހަނިކުރަން ސުވިސް ޓީމުން މަސައްކަތް ކުރާނެއެވެ.
ސުވިޓްޒަލޭންޑްގެ ކުރީގެ ކުޅުންތެރިޔާ މުރާތް ޔާކިންގެ ކޯޗު ކަމުގައި އެގައުމުން މުބާރާތަށް މަރުހަބާ ކިޔާ އިރު އޭނާ ޓީމާ ހަވަލުވީ 2021 ވަނަ އަހަރެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ދެވަނަ ބުރަށް އޭނާ ޓީމު ގެންދިޔަ އިރު 2024 ގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާއަށް ވެސް ޔާކިން ޓީމުން ގެންގޮސްދިނެވެ.
