މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 9.2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޖުމްލަ 921,115 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

ނިމިދިޔަ މޭ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހު ރާއްޖެއަށް 139,746 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި 135,614 ފަތުރުވެރިންނާ އަޅާބަލާއިރު 3 ޕަސެންޓްއިގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ޗައިނާއެވެ. އެ ގައުމުން 143,917 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 15.6 ޕަސެންޓް) ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 125,096 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 80,323 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީ އަދި ޖަރުމަނުވިލާތަކީ ވެސް ރާއްޖޭގެ މާކެޓުގައި މުހިންމު ދައުރެއް އަދާކުރާ ދެ ގައުމެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ތަންތަނަށް ބަލާއިރު، 71 ޕަސެންޓް ފަތުރުވެރިން އިސްކަންދެނީ ރިސޯޓުތަކަށެވެ. އަދި 24.1 ޕަސެންޓް ފަތުރުވެރިން ގެސްޓްހައުސްތައް ހިޔާރުކުރެއެވެ.

މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ޖުމްލަ 67,536 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ ތެރޭގައި 179 ރިސޯޓަކާއި، 919 ގެސްޓްހައުސްގެ އިތުރުން 171 ސަފާރީ އުޅަނދާއި 16 ހޮޓާ ހިމެނެއެވެ.