ފީފާ ވޯލްޑްކަޕް 2026 އަށް މުބާރާތް ބާއްވާ ތިން ގައުމުން ތައްޔާރުވަމުންދާ އިރު މިއީ 48 ޓީމުން މި މުބާރާތުގައި ބައިވެރިވާނެ ފުރަތަމަ ފަހަރެވެ. 48 ޓީމު 12 ގްރޫޕް ބަހާލާފައިވާ އިރު މި ފަހަރުގެ މުބާރާތުގެ ގްރޫޕްއޭގައި އޮތީ މުބާރާތް ބާއްވާ އެއްގައުމު ކަމަށްވާ މެކްސިކޯ، ސައުތް ކޮރެއާ، ސައުތް އެފްރިކާ އަދި ޗެކް ރިޕަބްލިކްއެވެ.

މެކްސިކޯ

މުބާރާތް ފަށާނީ މެކްސިކޯއިން/ފޮޓޯ: އެކްސް

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ މި ފަހަރުގެ މުބާރާތަށް ކޮލިފައިވީ އޮޓަމެޓިކުންނެވެ. މި ވޯލްޑްކަޕް މުބާރާތެއްގައި މެކްސިކޯ ކުޅޭނެ 18 ވަނަ ފަހަރެވެ. އަދި އެޓީމުގެ ކޯޗު ކަމާ ހަވާލުވެގެން ހުރީ މީގެ ކުރިން ދެފަހަރެއްގެ މަތިން މެކްސިކޯ ވޯލްޑްކަޕަށް ގެންގޮސްދިން ތަޖުރިބާކާރު ކޯޗު ހަވިއޭ އެގީރޭއެވެ. އުތުރު އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅޭ ސަރަހައްދީ މުބާރާތް 2025 ވަނަ އަހަރު ކާމިޔާބު ކުރި މެކްސިކޯގެ ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ އަކީ ފޯވަޑް ރާއުލް ހިމެނޭޒްއެވެ. ގައުމީ ޓީމަށް ކުޅުނު 125 މެޗުގައި 44 ގޯލު ޖަހާ ދިން ހިމެނޭޒް އަކީ މެކްސިކޯގެ ތާރީހުގައި އެގައުމަށް ތިން ވަނައަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާއެވެ.

ސައުތް ކޮރެއާ

ކޮރެއާގެ ކެޕްޓަން ސަންއަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ/ފޮޓޯ: ގޫގަލް

ޖެހިޖެހިގެން 11 ވަނަ ވޯލްޑްކަޕްއަށް ކޮލިފައިވި ސައުތްކޮރެއާއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އޭޝިޔާ ބައްރު ތަމްސީލުކުރުމުގައި ދެގޮތެއް ނުވެ ވިދަމުން އަންނަ ޓީމެކެވެ. 2002 ވަނަ އަހަރު ޖަޕާނާ ސައުތް ކޮރެއާއާ ދެގައުމުގައި ބޭއްވި މުބާރާތަކީ މިހާތަނަށް ސައުތްކޮރެއާއިން އެންމެ ކާމިޔާބުކުޅުމެއް ދެއްކި މުބާރާތެވެ. އެފަހަރު މުބާރާތުގެ ގަދަ ހަތަރަކަށް ސައުތްކޮރެއާ ދިޔަ އިރު ސެމީގައި އެޓީމު ބަލިވީ މުބާރާތުގެ ރަނާރަޕް ޓީމު ޖާމަނީއަތުންނެވެ.

މިފަހަރު ވެސް ސައުތްކޮރެއާގެ ސަޕޯޓަރުންގެ އުއްމީދުތައް އެލުވާލާނީ ފޯވަޑް ސޮން ހިއުމިންގްގެ ކޮނޑުގައެވެ. އެމެރިކާގެ އެމްއެލްއެސް ލީގުގައި މިހާރު ކުޅެމުންދާ ސޮން އަކީ ސައުތް ކޮރެއާގެ ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. މިގޮތުން އޭނާ މިހާތަނަށް 142 މެޗު ކުޅެދީފައިވާ އިރު ސޮން ވަނީ ގައުމީ ޖާޒީގައި 54 ގޯލު ޖަހާދީފައެވެ.

ސައުތް އެފްރިކާ

ސައުތް އެފްރިކާގެ ޓީމު ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ/ފޮޓޯ: ގޫގަލް

މިއީ 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި މުބާރާތަށް ފަހު ވޯލްޑްކަޕަކުން ސައުތް އެފްރިކާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖުން ދުރަށް ނުދެވުނު ސައުތް އެފްރިކާ މިފަހަރުގެ މުބާރާތާ ކުރިމަތިލަނީ އާއުއްމީދުތަކާއެކުއެވެ.

އުމުރުން 74 އަހަރުގެ ތަޖުރިބާކާރު ކޯޗު ހޫގޯ ބްރޫސްގެ ބެލުމުގެ ދަށުގައި ކުޅޭނެ ސައުތް އެފްރިކާއިން ވަނީ އޭނާގެ ކޯޗުކަމުގައި 2023 ވަނަ އަހަރު އޮތް އެފްކޯންސް މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

މިފަހަރުގެ މުބާރާތަށް ނިކުންނަ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ އުމުރުން 29 އަހަރުގެ ޓެބޯހޯ މޮކޮއޭނާއެވެ. ގައުމީ ޓީމަށް ކުޅުނު 50 މެޗުގައި 9 ލަނޑު ޖަހާފައިވާ މި ކުޅުންތެރިޔާއަކީ އެފްރިކާގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

ޗެކް ރިޕަބްލިކް

ޗެކް ރިޕަބްލިކް ވޯލްޑްކަޕަށް ދިޔައީ ޕްލޭ-އޮފްގައި ޑެންމާކް ޕެނަލްޓީއިން ބަލިކޮށްގެން/ފޮޓޯ: ގޫގަލް

ގްރޫޕް އޭގައި ހިމެނޭ ޔޫރަޕަށް ނިސްބަތްވާ ޓީމު ކަމަށްވާ ޗެކް ރިޕަބްލިކް މީގެ ކުރިން ފެނިގެން ދިޔައީ 2006 ވަނަ އަހަރުގެ މުބާރާތުން އެކަންޏެވެ. އެފަހަރު ގްރޫޕް ސްޓޭޖުން މުބާރާތުން ކަޓައިގެން ދިޔަ އިރު އެފަހަރުގެ ޓީމުގައި ތިބި ފަދަ ސްޓާރުން މިފަހަރު ޗެކް ޓީމުން ފެނިގެން ނުދާނެއެވެ.

އެހެން ނަމަވެސް ކޯޗު މިރޮސްލާވް ކޫބެކްގެ އެންމެ ބޮޑު އަމާޒަށްވާނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައިގެން ގްރޫޕުން ދެވަނަ ބުރަށް ދިއުމެވެ. މި ގޮތުން ގިނައިން ޑިފެންޑްކޮށް ލިބޭ ކޯނަރު އަދި ހިލޭ ޖެހުމުން ލަނޑު ޖެހުމަށް ޗެކް ޓީމުން އިސްކަން ދޭނެ ކަމަށް ބެލެވެއެވެ. މިކަމަށް އެންމެ މުހިއްމު ވާނީ ފޯވަޑް ޕެޓްރިކް ޝިކްގެ ފޯމެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅޭ ޝިކް ވަނީ ކްލަބަށް ކުޅެދިން 210 މެޗުގައި 103 ގޯލު ޖަހާފައެވެ. a