"އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" އަލުން މުރާޖައާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ބިލް ފާސްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިދިޔަ އޮކްޓޯބަރު މަހު ހުށަހެޅުއްވި "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލް" ފާސްކުރީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން މި ބިލު ފާސްކޮށް، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވަނީ 19 މެއި 2026 ގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވި މައިގަނޑު ސަބަބަކީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ރައީސްގެ އޮފީހުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ބޭނުންކުރައްވައި، މި ބިލު މަޖިލީހަށް އަނބުރާ ފޮނުއްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ހަދިޔާކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލްގައި ބުނާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ އެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންނެވެ. އަދި އެކަމުގައި ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ވެސް ހޯދަންޖެހެ އެވެ.