އެމްޑީޕީގެ ލީޑަރުންނަށް މިއަދު ލިބިވަޑައިގެންފައިވާ މަގާމުތަކާއި ޝަރަފަކީ އާންމު މެންބަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވާތީ، އެއްވެސް މީހެއްގެ ކިބައިން އެ ޕާޓީގެ އާންމު މެންބަރުން މާފަށް އެދެން ނުޖެހޭނެ ކަމަށް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ކެލައަށް މިއަދު ކުރެއްވި ދަތުރުފުޅުގައި މީކާއިލް މިހެން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެ ރަށުގެ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރ. ދުވާފަރުގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވަނީ އެމަނިކުފާނު ޕާޓީ ދޫކޮށް ދިޔުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އާންމު މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުން މާފަށް އެދެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މީކާއިލް ވިދާޅުވީ، ރައީސް ނަޝީދު ކަމަށް ވިޔަސް ނުވަތަ އެހެން ބޭފުޅެއް ކަމަށް ވިޔަސް، އާންމު މެންބަރުން މާފަށް އެދެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ އާންމު މެންބަރުން އެތައް އަހަރެއް ވަންދެން ވީ ބޮޑެތި ގުރުބާނީތަކުން އުފެއްދެވި ބޭފުޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައީ އާންމު މެންބަރުން ކަމަށާއި، އެ ބޭފުޅުންނަށް މިއަދު ދާއިމަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި އިއްޒަތަކީ ވެސް އެ މެންބަރުންގެ ސަބަބުން ލިބިފައިވާ އެއްޗެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އާންމު މެންބަރުންގެ ބުރަ މަސައްކަތަށް އެއްވެސް ބެލުމެއް ނެތި، އަމިއްލަ ސިޔާސީ މަންފާ ހޯއްދެވުމަށްޓަކައި އެ މެންބަރުން މަގުމަތިކޮށްލާފައި ނަޝީދު ވަޑައިގަތީ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ނަޝީދު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި ނަމަވެސް، އިންތިހާބަށް ފަހު މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.