މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި، އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފިއެވެ.

ނަޝީދު މާފަށް އެދިވަޑައިގަތީ ރ. ދުވާފަރަށް ކުރެއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ދަތުރުގެ ތެރެއިން އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ނަޝީދާ ސުވާލުކުރި މީހަކު ވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ދިމާކޮށް އެ މަނިކުފާނާ އެމްޑީޕީއާ ދުރަށް ވަޑައިގަތުމަކީ މިސްޓޭކެއް ކަމަށް ބުނެ، އެކަމާ ގުޅިގެން މާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. އެ ވާހަކަތަކާއި ގުޅިގެން ނަޝީދު ވަނީ އެއީ އާންމުކޮށް އެހާ ގިނައިން ދައްކަވަން ބޭނުންފުޅުވާ ވާހަކަތަކެއް ނޫން ކަމަށާއި ކޮނުނު ވަރަކަށް ފަސްގިނަ ވާނެ ކަމަށް ވިދާޅުވެފައެވެ.

މާފަށް އެދުމާއި ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރު އަހަރު މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި ލިބުނުކަމަށާއި އެ އަހަރު ނިމުނުއިރު ރައީސް ސޯލިހު އެމަނިކުފާނާ ވާހަކަ ނުދައްކަވާކަމަށެވެ. އަދި މިއީ ކުޑައިރުއްސުރެ އެއް ތަށިމަތީ ކައިގެން އުޅުނު ދެ މީހުންކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށްވެސް އަލިއަޅުއްވާފައެވެ.

އެމްޑީޕީ ދޫކޮށް ވަޑައިގަތުމަކީ އެ މަނިކުފާނަށް ވެސް ލިބުނު ބޮޑު ދެރައެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ފިޔަވަޅު އަޅުއްވަން ޖެހުނީ އޭރު މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައި، އެ މަނިކުފާނާ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް (އީވާ އަބްދުﷲ، ހަސަން ލަތީފް، އަލީ އާޒިމް، މުހައްމަދު ވަހީދު އަދި އިމްތިޔާޒު ފަހުމީ) ފިޔަވަޅު އަޅަން އެމްޑީޕީން ނިންމުމުން ކަމަށް ވިދާޅުވިއެވެ.

"މި މީހުންނާ އެކު އުޅެނީ، އަޅުގަނޑު ވެސް ގޯސް ކަންތައް ކުރިން، އެކަމަކު ތިޔަ ބޭފުޅުން ވެސް އަޅުގަނޑު އަރިހުން މާފަށް އެދެން ވަރަށް ބޮޑަށް އެދެން، ވެރިކަން ގެއްލުނީ އަޅުގަނޑުގެ ސަބަބަކުން ނޫން. އަޅުގަނޑަށް ވުރެ ދެރަވާނެ މީހަކު ނުހުންނާނެ މި ޕާޓީ ދޫކޮށްދާކަށް. އަޅުގަނޑުގެ މުޅި ހަޔާތް މިއީ، އަޅުގަނޑަށް ވުރެ ގިނަ އަނިޔާ ލިބުނު މީހެއް ވެސް ނުހުންނާނެ ގިނަ ދުވަހު މިކަމުގައި އުޅުނު މީހެއް ވެސް ނުހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެ މަނިކުފާނު އާ ޕާޓީއެއް އުފައްދަވައިގެން ވަޑައިނުގެން އެމްޑީޕީގައި މަޑުކުރެއްވި ނަމަ، އެ ޕާޓީ އިންތިހާބުގައި މިއަށްވުރެ މާ ބޮޑަށް ބަލިވީސް ކަމަށެވެ. އެ ބޮޑު ބަލި ނުވީ އެ މަނިިކުފާނު އާ ޕާޓީއަކާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ އާންމު މެންބަރުން އިންތިހާބުގައި ވަރަށް މަސައްކަތުންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ސޯލިހުގެ ވެރިކަން ނިމުމުން ނަޝީދު މިހާރު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް، ދެ ބޭފުޅުންގެ މެދުގައި އަދިވެސް ސިޔާސީ ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރައްވާއިރު، ސޯލިހު ތާއީދު ކުރައްވަނީ ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށެވެ.