ހުޅުމާލެ ސްޓެލްކޯ ސަރަހައްދު ފަޅުތެރެއަށް ވަލެއް އައްސަން ފޭބި ދިވެއްސަކު ގެއްލިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެހި ފިރިހެނެކެވެ. އޭނާ ފަޅުތެރެއަށް ފޭބީ އޮތް އުޅަނދެއްގެ ވަލެއް އައްސަން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން އެމީހާ ހޯދުމުގެ އޮޕަރޭޝަން މެރިން ޕޮލިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ގުޅިގެން ހިންގަމުންނެވެ.

މިހާތަނަށް އެމީހާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާއިރު، ފުލުހުން ގެންދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.