ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ 4 ޑައިވަރުންގެ ތެރެއިން ނެގި ދެ މީހުންގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މިއަދު 2 ޑައިވަރުންގެ ހަށިގަނޑުވެސް މާލެ ގެނެސްފައިވާކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ ދެން ކުރިއަށްދާނީ ހަށިގަނޑުތައް ދެނެގަތުމުގެ މަރުހަލާ ކަަމަށެވެ. އަދި އެއަށްފަހު ކުރަންޖެހޭ ތަހޖުގީގުތައް ކުރުމަށްފަހު، ސަރުކާރަށް އެންގުމުން ހަށިގަނޑު ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ހަށިގަނޑުތައް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިޓަލީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހުކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު ވިދާޅުވީ އާންމު އުސޫލުގެ ގޮތުން ހަށިގަނޑު އަނބުރާ އެމީހެއްގެ ގައުމަށް ފޮނުވުމުގެ މަސައްކަތަށް ކުރާ ހަރަދު ބަލަހައްޓާނީ އެމީހަކު ނިސްބަތްވާ އާއިލާއަކުން ނަމަވެސް، މިހާދިސާގައި ބައިލެޓަރަލް ގުޅުންތަކުގެ މަޝްވަރާއާއެކު ކަންކަން ހަމަޖެހިގެންދާނެކަމަށެވެ. އަދި މިކަމަށް އިޓަލީ ސަރުކާރުގެ އެހީތެރިކަން ލިބެމުންދާކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. މި ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުންދަނިކޮށް، ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ.

ފުރަތަމަ ހަށިގަނޑު ފެނުމާއެކު ބާކީ 4 ފަތުރުވެރިން ހޯދުމަށް ފެށި ހާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، އިއްޔެ މި މަސައްކަތް އަލުން ފެށީ، އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާ އެކުގައެވެ.

އެގޮތުން 4 ފަތުރުވެރިން ހޯދުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި 4 މީހުންގެ ހަށިގަނޑުވެސް ވަނީ ލޮކޭޓްކުރެވިފައެެވެ. މި 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު މިއަދު ނަގާފައިވާއިރު، އަނެއް ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތްކުރާނީ މާދަމާ އެވެ.