މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑް" އަށް ބޭންކިންގް ލައިސަންސާއި ވިޔަފާރި ހިންގުމުގެ ރަސްމީ ހުއްދަ މިއަދު ދީފިއެވެ.
މި ލައިސަންސް ރަސްމީކޮށް ހަވާލުކުރުމަށް އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ އޮތޯރިޓީގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އާއި ބޯޑު މެންބަރުން އަދި އެ ބޭންކުގެ އިސް ފަރާތްތައް ވެސް ބައިވެރިވެފައި ވެއެވެ.
މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާއެކު، ދިވެހިރާއްޖޭގައި ބޭންކިންގް ހިދުމަތް ދެމުންގެންދާ ބޭންކުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 9 އަށް އިތުރުވެފައެވެ.
މޯލްޑިވްސް ޕްރިމިއާ ބޭންކަށް މި ހުއްދަ ދީފައިވަނީ، ޓަޔާ 1 ބޭންކެއްގެ ގޮތުގައި އެ ތަން ގާއިމުކުރުމަށް 19 މެއި 2025 ގައި ދޫކުރި "ޕްރީ-އޮޕަރޭޝަނަލް" ހުއްދައިގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުމާ ގުޅިގެންނެވެ. ބޭންކު ހުޅުވުމަށް ތައްޔާރުވުމުގެ މަރުހަލާގައި، އެ މުއައްސަސާއަށް ކިއުމަށް ހުށަހެޅި ނަމަށާއި އޮނިގަނޑަށް ގެނައި ބަދަލުތައްވެސް އެމްއެމްއޭ އިން ވަނީ ދިރާސާކުރުމަށްފަހު ފާސްކޮށްދީފައެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ ބޭންކިންގް ސިނާއަތުގައި ވާދަވެރިކަން އިތުރުވެ، ރައްޔިތުންނަށް މާލީ ހިދުމަތްތައް ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އޮތޯރިޓީން ސިފަކުރެއެވެ.
މަރުކަޒީ ބޭންކުން އިތުރަށް ބުނީ، ރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި އަދި ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ ފަދަ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
