ނޫސްވެރިންގެ މައްޗަށް ހިންގަމުން ދަނީ ޣައިރު ގާނޫނީ ޝަރީއަތްތަކެއް ކަމަށާއި އެކަން ވަގުތުން ހުއްޓާލައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިން މިނިވަންކުރުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގުޅިގެން ސަރުކާރަށް ގޮވާލައްވައިފިއެވެ.

މި ތިން ރައީސުން މިކަމަށް ގޮވާލައްވާފައި ވަނީ ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ހާއްސަ ބައްދަލުވުމަކަށްފަހު ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާ ކަމަށެވެ. އަދި ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލަމުންދާ ކަމަށްވެސް ތިން ރައީސުން ތުހުމަތު ކުރައްވާފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިން ޖަލަށްލަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ތިން ރައީސުން ވަނީ މިހާރުން މިހާރަށް ޖަލުގައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިންނާއި، އެކަމާ ގުޅިގެން އަޑުއުފުލުމުން ބަންދުކުރި އެންމެހާ ފަރާތްތައް މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސޯދީ ހާލަތަށް އަލިއަޅުވާލައްވަމުން ބަޔާނުގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިސްރާފު ބޮޑުވެ، ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ދިވެހި ރައްޔިތުން އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދާ ކަމުގެ ބިރު އޮތުމާއެކު، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.