ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މުހައްމަދު ނަޝީދާއެކު މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ހާމަކުރައްވާފައިވަނީ މިހާރުގެ ސަރުކާރުން މުޅި ދައުލަތް ހިސޯރުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރީގެ ތިން ރައީސުން އެކުގައި ނިކުމެވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވާފައިވަނިކޮށެވެ.
ރައީސް މުއިއްޒުގެ ވެރިކަމަކީ “ހުދުމުހުތާރު” ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުން ގައުމު ސަލާމަތް ކުރުމަށް ފައްޔާޒު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދެއްވާ ރައީސް މީން އަދު ވަނީ އެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ މިދަނޑިވަޅަކީ ތަފާތު ސިޔާސީ ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ވަގުތުކަމަށެވެ.
ސިޔާސީ މަސްރަހަށް މި ބޮޑު ބަދަލު އައިސްފައި މި ވަނީ “އަދަދު” ނޫހުގެ ދެ ނޫސްވެރިޔަކު އިއްޔެ ޖަލަށްލުމާ ގުޅިގެންނެވެ. އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އޮތީ މިދިޔަ އާދީއްތަ ދުވަހު އަމުރުކޮށްފައެވެ.
އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވެސް އަމުރުގައިވެއެވެ. ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގައި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި މުހައްމަދު ޝަހުޒާން 15 ދުވަހަށް ވަނީ ޖަލަށް ލާފައެވެ.

ޙަސަދަވެރިކަމަކީ ތިމާކުރާ ހެޔޮ ޢަމަލުތައް ކައި ހުސްކުރާ އެއްޗެކޭ ބުނެއުޅެނީ މިހެންވެ. އެއެއް މިއެއް ނުބަލައި ހެދުނު އެއްޗެއް ހަދައި ވެރިކަމުގައި ތިބޭ މީހުންނާމެދު ނަފުރަތު އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އައިސް މިއަދު މި އިތުރުކުރަނީ އެއަށް އައުބޮޅެއް. ތިމާގެ ސިޔާސީ ހަތުރުންނާ ބައިވެގެންވިޔަސް ޤައުމު ހިންގުމަށް ދަތިކުރެވޭތޯ ބެލުން ޝައުޤަކަށް ހަދައިފި. ތިމާގެ ހިތުގައި ހިނގާ ޙަސަދައިގެ ބިޔަ ރާޅުތަކުގެ ބާރު އޮއިގައި ބެހިގެން ދެވޭ ނުދެވޭ ދިމާލެއްނޭގި ތިމާގެ ސިޔާސީ މުސްތަޤްބަލަށް ވަމުންދާ ގޮތާދޭތެރޭ ވިސްނާލެވޭނަމަ ކިތަންމެހާވެސް ރަނގަޅު. ފާއިތުވެއްޖެ ތަނެއް އަނބުރާ ނުލިބޭނެކަން ޔަޤީން. ތިޔަ ޢަމަލުކުރާގޮތުން ކުރިން ލޯބިވި މިދުތުރުން ފޫހިވެއްޖެ. އެކުވެރިން ގެއްލިއްޖެ. ޙަސަދައިން ޒީނަތްތެރިވެފައިވާ ބައެއްގެ ބަހަށް ހެއްލި ޙަފުސްވެ ނިމިއްޖެ. ވިސްނުނު ދުވަހަކުން ހިތާމަކުރިޔަސް ފާއިތުވެއްޖެތަނެއް އަނބުރާ އަތުލެވޭނެކަމުގެ އުންމީދެއްނެތް. ޝުކުރިއްޔާ.