ރާއްޖޭގެ ވެރިކަން ކުރި ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަކީ އެންމެ ފުރިހަމަ ވެރިކަން ނޫން ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ހާލަތަު މާ ގޯސް ވެފައިވާ ކަމަށް އެ ތިން ރައީސުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ދިފާއުގައި ތިން ރައީސުން އެކުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރައީސުންގެ ވެރިކަމަކީ އެންމެ ފުރިހަމަ ވެރިކަން ނޫން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ވަގުތު ރާއްޖެ މިއޮތީ 'ވަރަށް ނުބައި ތުންފަތެއްގެ' މަތީގައި ކަމަށެވެ. މި ވަނީ ކައްސާލައިގެން ގޮސް ލިބިފައިވާ ހައްގުތައް ގެއްލިފައި ކަަމަށާއި އަދި ލިބިފައިވާ ތަނަވަސް ކަމަށް ވެސް އަސަރު ކުރަމުން އަންނަ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ދިމާވާނެ ބޮޑެތި ގޮން ޖެހުންތައް ކަމަށާއި މި ކަމާ ރައީސް ސޯލިހާއި އަދި ރައީސް ޔާމީނާއެކު މަޝްވަރާ ކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ވަގުތު ތިން ރައީސުންގެ ވެސް އަމާޒަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރި ހުރަސްތައް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކުގައި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވެން ހުރި މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ތިން ރައީސުންގެ މަޝްވަރާތައް އަދި ވެސް ކުރިއަށް ގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މި ދުވަސްތަކަކީ އެހާ ހިތް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި ރައްޔިތުން ވަރަށް ހާލުގައި ޖެހިފައިވާ ކަމަށެވެ. އިގްތިސޯދީ ގޮތުން ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ދަތި ވަގުތުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ބާރު އިސްކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތަކީ މީޑިއާ ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މިހާރު ޝަރުއީ ދާއިރާގެ ތެރެއިން ނެރެމުންދާ އޯޑަރުތަކާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަަމަށެވެ. މިހާރު ކަން ކުރައްވަމުން ގެންދަވާ ގޮތަށް ބަލާއިރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ކަމަށެވެ. ރާއްޖޭގެ ސްޓްރެސް ލެވަލް މިހާ މައްޗަށް އުފުލގެންދާއިރު ވެރިކަން ކުރި ބައެއްގެ އުސޫލުން އެކަން ހައްލު ކުރުމުގެ ޒިންމާ އޮތް ބަޔަކީ އެ ރައީސުން ކަމަށް ދެކިވަޑައިގަންނަވާކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީންވެސް ވަނީ އެމްނަިކޔފާނުގެ ވެރިކަމަކީ ވެސް އެންމެ ފުރިހަމައަށް ކަންކަން ކުރެވުނު ވެރިކަމެއް ނޫން ކަން ހާމަކުރައްވާފއެވެ. ނަމަވެސް މި ސަރުކާރުގެ ހާލަތު މާ ބޮޑަށް ގޯހުން ގޯހަށް ދާ މަންޒަރު ފެންނަމުންދާ ކަން ޔާމީން ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އިބްރާހިމް ސޯލިހް ވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. ތިން ރައީސުންގެ މެދުގައި ވެސް ހިޔާލުތަފާތުވާ ކަންކަން ހުރި ނަމަވެސް މި ވަގުތަކީ ހިޔާލުތަފާތުވުން އެކަހެރިކޮށް ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ސޯލިހް ވިދާޅުވިއެވެ.

މިއަދު ފެނިގެން ދަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާ ތަން ކަމަށާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ވެސް ހުރަސް އަޅާފައިވާ ކަަމަށް ސޯލިހް ވިދާޅުވިއެވެ. ރައްޔިތުން މަޖިލީހުގެ ބާރު ކަނޑުވާލައި، ޝަރުއީ ދާއިރާއަށް މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ އިރު މި ކަންތައްތައް ހައްލު ކުރުމައްތަކައި ތިން ރައީސުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ރައްޔިތުންނާ އެކީގައި ކުރެއްވުން ކަމަށް ސޯލިހް ވިދާޅުވިއެވެ. އެގޮތުން މިރޭގެ ބައްދަލުވުމުގައި ތިން ރައީސުން އެއްބަސްވެވަޑައިގެންނެވި ކަންތައްތައް މީޑިއާއަށް ހިއްސާ ކުރައްވާނެ ކަމަށާއި އެއާއެކު ބައްދަލުވުންތަކާއި މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.