ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަހަމަ ބޭނުން ހިފާ ބަޔަކު ތިބިކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓާ މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިިނިސްޓާ ސައީދު ކަންބޮޑުވުންފާޅުކޮށްފައިވަނީ ކޯޓު އަމުރާ ހިލާފްވި ކަމަށް ބުނެ، މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ބޭރުކޮށްލި ހާދިސާއާ ގުޅިގެންނެވެ.
މިނިސްޓަރ ސައީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދީފައިވާ ކަމަށާއި، ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސަކީ ވެސް ހަމަ އެ މިނިވަންކަން ކަމަށެވެ.
ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުސޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސް ތެރޭ ހަޅުތާލުކުރާ ފަދަ ގޮތްގޮތަށް ކަންކަން ކުރަމުންދާ މަދު ނޫސްތަކެއް ހުރިކަން ފާހަގަ ކުރައްވައި، ސައީދު ވިދާޅުވީ ނޫސް ކޮންފަރެންސްތަކަކީ ޒާތީ ގޮތުން ދިމާކުރުމަށާއި، ދޮގު ވާހަކަ ހަދަހަދައިގެން ފެތުރުމަށާއި، ގާނޫނު މުގުރުމަށާއި، ކޯޓުގެ ހުރުމަތް ކެނޑުމަށް ލިބިފައިވާ ފުރުސަތެއް ނޫން ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މައުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުއިއްޒު ނޫސްވެރިންނަށް ފުރުސަތު ދެއްވަމުންދާ ކަމަށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު، އެއްވެސް މޮޑަރޭޝަނެއް ނެތި، ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހިދުމަތްތަކާއި ސިޔާސަތުތައް ހާމަކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ނޫސްވެރިން މި އަގުހުރި ފުރުސަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް، ޝަރުއީ އަދި ގާނޫނީ އަމުރުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއާޔާ ޑރ، މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވަނީ އެ ނޫޙުން ތައްޔާރު ކުރި ޑޮކިއުމަންޓަރީއާ ގުޅޭ ސުވާލެއް ރައީސް އާ ކުރައްވާފައެވެ. އެ ސުވާލު ކުރުމާއެކީ ރައީސް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ނޫސްވެރިޔާ ހިލާފު ވެފައިވާ ކަމަށެވެ. އަދި ކޯޓު އަމުރާ ހިލާފްވެފައިވާތީ އެ މާލަމުން ނުކުތުމަށާއި އެ މާލަމުގައި ކޯޓު އަމުރާ ހިލާފަު ނުވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
