ފޭސްބުކް މެސެންޖާ މެދުވެރިކޮށް މީހަކާ ގުޅުން އުފައްދައިގެން ބޭންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުހައްމަދު (38އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުހައްމަދު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާ ކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް މޫސާ މުހައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުހައްމަދުގެ ނަމުގައިވާ އެކައުންޓަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
