މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ސާވޭ އެންޑް ޑިޒައިން ކުރަން އެވޯޑްކޮށްފައިވާ ޓީމް މި މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިހެން ވިދާޅުވީ، މިއަދު މަޖިލީހުގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެބެ. އެގޮތުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަން ޗައިނާގެ އެހީގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަން ސަރުކާރުން އިއުލާންކޮށްފައިވާ އިރު، މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނީ ކިހާ ހިސާބަކުތޯ އާއި އަދި މި މަސައްކަތް ނިންމަން ހަމަޖެހިފަިއވާ ގޮތް ހިއްސާ ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ހައުސިން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ގައުމެއްގައި ކަނޑައަޅާފައި އުސޫލުތަކާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހިންގަން ޖެހޭ މަޝްރޫއެއް ކަމަށެވެ. ޗައިނާއިން ދިވެހި ސަރުކާރަށް ދޭން ނިންމި މި އެހީގެ އެއްބަސްވުމުގައި ސޮއި ކުރި ދުވަހުން ފެށިގެން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މި މިޝްރޫއު ލަސްކުރުމަށް މި ސަރުކާރުން އަދި ޗައިނާ ސަރުކާރުން ވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ޔަގީން ކަން މުއްތަލިބް ދެއްވިއެވެ.

މީގެ ކުރިން ވެސް ޗައިނާ އިން ދީފައިވާ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ހިންގާފައި ވާނީ އެ މަޝްރޫއެއްގެ ފިސިބިލިޓީ ސްޓަޑީ ހެދުމަށްފަހު ސާވޭއާއި ޑިޒައިން ކުރުމުގެ މަރުހަލާ ނިންމުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއިން ކޮންމެ މަރުހަލާއެއްގައި ޗައިނާގައި ޓެންޑާކުރެވި ޕްރޮކިއޯ ކުރެވި އަދި ބަޔަކު ހޮވއިގެން އެ ބަޔަކު އައިސް މަސައްކަތް ކޮށްފައި އަނެއް ސްޓޭޖަށް ދިއުމަށް އަދި އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަނީ އެ އުސޫލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު އެ މަސައްކަތް އޮތް ހިސާބު ހާމަކުރައްވަމުން މުއްތަލިބް ވިދާޅުވީ، ފީސިބިލިޓީ ސްޓަޑީ ހަދައި ނިންމާފައިވާ ކަމަށާއި ސާވޭ އެންޑް ޑިޒައިނެގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ޓެންޑާކޮށް ބަޔަކު ހޮވާފައިވާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ސާވޭ ޑިޒައިންގެ މަސައްކަތް ކުރުމަށް އެ ޓީމް ރާއްޖެއަށް އަންނާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މި މަސައްކަތް ނިމި ޑިޒައިން ފައިނަލް ވުމުން ކޮންޓްރެކްޓަރަކު ހޯދުމަށް ޗައިނާގައި ޓެންޑާ ކުރާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި އެ ކޮންޓްރެކްޓަރަކު ހޮވުމުން މާލޭގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ހިލޭ އެހީގެ ގޮތުގައި ކުރާ މަސައްކަތުގެ ތެރެއިން މާލޭގެ ބޭރުތޮށި ހެދުމުގެ މަސައްކަތަކީ ޖަޕާނުގެ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން ކުރާ މަސައްކަތެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މިހާރު އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ވީ ނަމަވެސް އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރަން ނިންމި މަޝްރޫއެއް ކަމަށާއި މިދިޔަ ދެ ސަރުކާރުގެ ތެރޭގައި ވެސް އެ މަޝްރޫގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އަމަލީ މަސައްކަތް ފެށިފައި މި ވަނީ މި ދުވަސްރު ކަން މުއްތަލިބް ފާހަގަކުރެއްވިއެވެ.