އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މި އިންތިހާބުގައި ޖުމްލަ 7 ވޯޓުފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގައި ބަހައްޓާ 5 ފޮއްޓާއި މާލޭގައި ބަހައްޓާ 2 ފޮއްޓެވެ. އެގޮތުން

  • އައްޑޫ ސިޓީ (ހިތަދޫ): ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލްގެ ހޯލާއި އެ ސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައެވެ.
  • މާލެ ސަރަހައްދު: މާލޭގައި ދިރިއުޅޭ މި ދާއިރާގެ ރައްޔިތުންނަށް ވޯޓުލުމަށް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ދެކުނު އިމާރާތުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ ވޯޓުފޮއްޓަކަށް ވޯޓުލާނީ ކޮން ސަރަހައްދުތަކެއްގެ ގޭގޭގައި ރަޖިސްޓަރީވެފައިވާ މީހުންކަންވެސް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވިކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުއެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ އިންތިހާބުގައި ވާދަނުކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެހެންކަމުން ޕިއެންސީގެ ޓިކެޓު މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އަށް ވަނީ ދީފައެވެ.

މި އިންތިހާބަށް އިދިކޮޅު އެމްޑީޕީންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު، އެ ޕާޓިގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ އަބްދުﷲ ސާދިގު (ސޯބެ)އެވެ.