އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ލައިބްރަރީ ބޭރުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:20 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ސިފައިން ކުރި މަސައްކަތުން، ލައިބްރަރީ ބޭރުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 08:56 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއްވެސް ސާފެއް ނުވެއެވެ.

މިހާދިސާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްުން ބުނެފައި ވަނީ، ލައިބްރަރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި މިވަގުތު ސްކޫލްގެ ކިޔެވުން މެދުކަނޑާލާފައި ވާ ކަމަށާއި އައްޑޫސިޓީ ކައުންސިލް އިދާރާ އާއި ފޭދޫ އަވަށު އޮފީސް ގުޅިގެން ސްކޫލް ސާފުކޮށް އަލުން ބޭނުން ކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ކައުންސިލުން އިތުރަށް ބުނީ، އަލިފާން ނިއްވާލެވުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފޭދޫސްކޫލްގެ މުވައްޒަފުންނާއި އަވަށު އޮފީހާއި އާންމުންގެ އެހީތެރިކަމާއެކުގައި ކަމަށާއި އިތުރު ބޮޑު ގެއްލުމެއް ނުލިބި އަލިފާން ނިއްވާލުމަށް އެންމެހާ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެންމެހާ ޝުކުރެއް ދައްނަވާ ކަމަށެވެ.