އަހުލާގީ މިންގަނޑުތަކަށްފެތޭ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ނޫސްވެރިން ދެމިތިބެން ޖެހޭކަމަށާއި، އަހުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމެއް ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން ޑިމޮކްރަސީގެ އަސާސްތައް ކޮންމެ ނޫސްވެރިއަކުވެސް ނަގަހައްޓަން ޖެހޭކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަމުގައި އަހުލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ ދޮގު މައުލޫމާތު އާންމުވެގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ގެއްލުންދެނިވި ކަންކަން އިތުރުވެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެންދާނެކަމަށްވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިޔަކު ވަނީ އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީ "އައިޝާ" އާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރައްވާފައެވެ.

އެގޮތުން އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލުގައި އެ ޑޮކިއުމަންޓްރީ ތައްޔާރު ކުރި އިރު އެ ތުހުމަތުތަކުގެ ވާހަކައަށް އެދެވޭ ވަރުގެ ހެކި ލިބިފައިވާ ކަަމަށް ވަނީ ބުނެފައެވެ. އަދި އެ ތުހުމަތުތަކަށް ރައީސްގެ ބަސްފުޅެއް ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. ރައީސް ވަނީ އެ ތުހުމަތައް ދޮގު ކުރައްވައި އަދަދު ނޫހުން އެ ޑޮކުމަންޓްރީ ހެދި ކަމަށް އިއުތިރާފްވެފައިވާތީ އެ މައްސަލަ ބަލައި ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި އަދަދު ނޫހުގެ އިދާރާއަށް ރެއިޑް ޖަހާފައެވެ. އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ)ގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.

ހ. ހަޒާރުމާގޭގެ އަށްވަނަ ފަންގިފިލާގައި ހިންގާ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ހަރަކާތްތެރިވިއެވެ. ހަތްދިހަ ދެ ގަޑިއިރުގެ މުއްދަތަށް ދީފައިވާ ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތަކަކާއި ބައެއް މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.