ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތައް ލައިވްކޮށް ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ޗެނަލް13 އަށް އަންގައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްްރޮންޓް (ޕީއެންއެފް) އިން ދަނީ ކޮންމެ ރެއަކުވެސް މުޒާހަރާ ކުރަމުންނެވެ.

އާޓީފިޝަލް ބީޗް ސަރަހައްދާއި މާލޭގެ މަގުތަކުގައި އެ ޕާޓީން ކޮންމެ ރެއަކު ކުރިއަށްގެންދާ މުޒާހަރާތައް ލައިވް ނުކުރުމަށް ޗެނަލް13 އަށް އަންގާފައި ވަނީ އެ ހަރަކާތުގައި ދައްކަމުންދާ މަންޒަރުތަކާއި އެކި ފަރާތްތަކުން ދައްކާ ވާހަކަތައް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަމަށް ބުނެއެވެ. އަދި އެ މަންޒަރުތަކާއި އަޑުތަކަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުތަކާ ހިލާފު މަންޒަރުތަކާއި އަޑުތައް ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ހަމަ އެހެންމެ މީގެ ކުރިންވެސް އެކި ފަހަރުމަތިން ސިޓީއާއި ފޯނުން ގުޅައިގެންވެސް އެފަދަ ލައިވްތައް ނުދެއްކުމަށް އަންގާފައިވާ ކަމަށް ބްރޯޑްކާސްޓް ކޮމިޝަނުން ޗެނަލް13 އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ތަކުރާރުކޮށް ކޮމިޝަނުގެ އެންގުމާ ހިލާފަށް މިހާރުވެސް ކޮންމެ ރެއަކުވެސް ޕީއެންއެފް މުޒާހަރައިގެ ލައިވް ދައްކަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން ގާނޫނު ބަޔާންކުރާ ހަމަތަކާ ހިލާފު މަންޒަރާއި އަޑު އާންމު ކުރަމުންދާ މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ ޕީއެންއެފްގެ އެ ހަރަކާތް ވަކިގޮތެއް އަންގަންދެން މެދުކަނޑާލުމަށް އަންގާފައެވެ.

މީގެ ކުރިން އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ސެޕްޓެމްބަރު 17، 2025 ގައި ވެސް ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލި އެވެ. އަދި އޮގަސްޓު 2025، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާއެއް އެ ޗެނަލްއިން ދުރަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް ބްރޯޑްކާސްޓް ހުއްޓާލަން ވެސް އެންގި އެވެ.