މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި 2 ނޫސްވެރިޔަކަށް އަނިޔާވެފައި ވަނީ އެއްވުމުގެ ބައިވެރިންނާއި ނޫސްވެރިންގެ އަމަލުތަކުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމަށެވެ.
މިއަދުގެ މުޒާހަރާގައި ޗެނަލް13 ގެ 2 ނޫސްވެރިޔަކަށާއި އާންމުންގެ ހަތް މީހަކަށް އަނިޔާ ލިބި ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ އިރު އަނިޔާ ލިބުނު ނޫސްވެރިޔާ ހަސަން ޝަހީދަށް އޭޑީކެގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް ލަންކާއަށް ގެންގޮސްފައެވެ. އޭނާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.
ޕީޕީއެމްއިން ބުނީ ބޮލުގައި ޝީލްޑުން ޖެހި މަގުމައްޗަށް އޭނާ ވެއްޓި ހޭނެތުމުނު ކަމަށާއި ފަރުވާ ދިނުމަށް ފަހު މިހާރު ހޭ އަރާފައި ވީނަމަވެސް ޝަހީދުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި މީގެ 2 ހަފްތާ ކުރިން ފުލުހުންގެ ފަރާތުން ޝަހީދަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.
ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާ ވި އިރު، ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައެވެ.
މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް އަނިޔާ ވި ވަގުތު އެމީހުންގެ ގައިމަތިން ފުލުހުން ދުވުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާ އިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.