ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔާ ޗެނަލް 13 އިން ދެއްކި ތިން ލަވައެއްގެ މައްސަލަ ބްރޯޑްކޮމްއިން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ޗެނަލް 13 ހިންގަމުންދާ ކުންފުނި، މީޑިއާ ރިންގު ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކޮމްއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ޗެނަލް 13 އިން މިދިޔަ ހޯމަ ދުވަހުގެ ރޭ 8:52 އިން 9:02 އަށް ބްރޮޑްކާސްޓްކުރި "ކަނޑުފޭރޭ ޗޯރު"، "ފެލާލައިފި" އަދި "ލުޓޭރު އިބުރޭ" ގެ ނަމުގައި ހިމެނޭ ލަވަތަކުގައި ބްރޮޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު މަންޒަރާއި އަޑު ބްރޮޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭތީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ވަކިގޮތެއް ނިންމައި ޗެނަލް 13 އަށް އަންގަންދެން މައްސަލައާ ގުޅޭ ކޮންޓެންޓު ބްރޯޑްކާސްޓް ނުކުރުމަށް ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ނ، ރ އަދި ބ އާ ހަވާލާދީ މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ "ޗެނަލް 13"އަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމިޝަނުން ވަކި ގޮތަކަށް އަންގަންދެން ޗެނަލް 13 ސްޓޭޝަނުން ބްރޯޑްކާސްޓް ކޮށްފައިވާ "ކަނޑުފޭރޭ ޗޯރު"، "ފެލާލައިފި" އަދި "ލުޓޭރު އިބުރޭ" ލަވަތަކުގެ އަޑާއި މަންޒަރު ހިމެނޭގޮތުގެ މަތީން އެ ކޮންޓެންޓު ނުވަތަ އެ ކޮންޓެންޓުގެ މަންޒަރާއި އަޑު ބްރޮޑްކާސްޓް ނުކުރުމަށް ޗެނަލް 13 އަށް ވަނީ އަންގާފައެވެ.

ބްރޯޑްކޮމްއިން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ބަލައި ނިމެންދެން ހަވާލާދީފައިވާ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށެވެ.