މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބެއިޖިން ގައި، އޭޕްރީލް 21 އިން 22 އަށް ކުރިއަށްދިޔަ "ތަރޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއަރޑް ޑިވެލޮޕްމަންޓް" ގެ ހަވާސާގައެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ, ހައުސިން، އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އިންޓަރެސްޓް ނުހިމެނޭ (އިންޓަރެސްޓް-ފްރީ) ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބި، ގިނަ އާއިލާތަކަކަށް ރައްކާތެރި ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ.

މި ބައްދަލުވުމުގެ ޔައުމިއްޔާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) ގެ ވައިސް ޗެއާމަން ލިއު ޖުންފެން އެވެ.

މި ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ ވަފުދުން ވަނީ ސިޑްކާގެ އިސްވެރިންނާ ވަކިން ބައްދަލުކޮށް، ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދެވިދާނެ އިތުރު ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމާއި ތަރައްގީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.