ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ދެ ބޭފުޅަކު ވާދަކުރައްވާނެކަން އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޙަބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ އޭޕްރީލް 14 ވަނަ ދުވަހުއެވެ. އަދި އޭޕްރީލް 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ފޯމު ހުށަހަޅުއްވާފައިވަނީ ދެ ކެންޑިޑޭޓުންނެވެ.
މި ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ) އާއި އަހުމަދު ސައީދުއެވެ. ސިނާން މި އިންތިހަބަށް ނުކުމެވަޑައިގަންނަވަނީ އޭނާއަށް ގެއްލުނު މަޖިލިސް ގޮނޑި އަލުން އަނބުރާ ހޯއްދެވުމުގެ އަޒުމުގައި ކަމަށްވާއިރު އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި މަސައްކަތްކުރެއްވީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކު ކަމަށްވާތީ، ޕާޓީގެ އާންމު މެންބަރުންގެ ތާއީދާއެކު މި ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އޭނާއާ ވާދަކުރައްވާ އަހުމަދު ސައީދަކީ މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ބޭފުޅެކެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ. އަދި މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީގެ މެންބަރަކަށް ވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށްވެސް ވޯޓުލެވޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ އިތުރުން ވެރިރަށް މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށްވެސް ވޯޓުލެވޭނެ ގޮތަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި، އޭނާގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަނުވާކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އޭޕްރީލް 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ.
މި ގޮނޑި ހުސްވުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބައި އިލެކްޝަން ބާއްވާނެ ތާރީހު އިއުލާނުކޮށްފައެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ ޖޫން 6 ވާ ހޮނިހިރު ދުވަހު މި އިންތިހާބު ބޭއްވުމަށެވެ.
އެމްޑީޕީގެ ފަރާތުން މި ދާއިރާއަށް ވާދަކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ މޭޔަރުކަން 2011 އިން 2021 އަށް 10 އަހަރު ވަންދެން ކުރެއްވި އަބްދުﷲ ސާދިގު (ސޯބެ) އެވެ.
