އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓާ އެމްއެންޑީއެފުން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
އެމްއެންޑީއެފުން މި ބޯޓާ ހަވާލުވެފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައި މިކަމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.
މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާންކުރެއްވި އުޅަނދެކެވެ.
ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ސަލީމް ވަނީ މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވާ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަސްކަރީ ކަނޑުމަތީގެ ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިން އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރާ ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ. އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އާ މަނަވަރު މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ހާއްސަ ތަމްރީނުތަކާއި ސީ ޓްރަޔަލްތައް ނިމުމުން މި އަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ.
މި އުޅަނދާ ގުޅިގެން އެމްއެންޑީއެފުން ބުނީ މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާ ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު މުހިންމު އެހީއެއްކަމަށެވެ.
ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
