މިނިސްޓްރީ އޮފް ޓުއަރިޒްމް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި ހިނގާ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 740,364 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.2 ޕަސެންޓްއިގެ ދަށްވުމެކެވެ. މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، މާޗު އަދި އެޕްރީލް މަހު ފަތުރުވެރިން އައި މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއެވެ. ފަތުރުވެރިން އައި އަދަދު ދަށްވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ގިނަ ފްލައިޓްތަކެއް ކެންސަލްވެ، ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއެކުއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންނެވެ. އެގޮތުން 725,558 ފަތުރުވެރިން ޗުއްޓީއަށް އައިސްފައިވާއިރު، ވިޔަފާރި ބޭނުންތަކަށް 4,455 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން، ކްރޫޒް ލައިނާތަކުގައި ރާއްޖޭގެ ސީޕޯޓުތައް މެދުވެރިކޮށް 10,351 ފަސިންޖަރުން ވަނީ ރާއްޖެ އެތެރެވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު، އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާއެވެ. ޗައިނާއިން މިއަހަރު 108,656 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ރާއްޖެ އައި ފަތުރުވެރިންގެ 15 ޕަސެންޓްއެވެ. މިލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 92,887 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 69,270 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިޓަލީއިން 62,111 ފަތުރުވެރިން، ޖަރުމަނުން 49,849 ފަތުރުވެރިން އަދި އިންޑިއާއިން 32,362 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، 69.3 ޕަސެންޓް ފަތުރުވެރިން ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 25.6 ޕަސެންޓް ފަތުރުވެރިން ގެސްޓްހައުސްތަކުގައި ހޭދަކޮށްފައިވާއިރު، ބާކީ ބައި ހިއްސާކުރަނީ ހޮޓާތަކާއި ސަފާރީ އުޅަނދުފަހަރެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ 1,300 އަށްވުރެ ގިނަ ވަސީލަތްތައް ހުރިއިރު، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 68,000 އަށްވުރެ ގިނަ އެނދު ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު މަދުވި ނަމަވެސް، ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ޖަޒީރާ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
