ފަލަސްތީނުގެ ކުށެއް ނެތް އަސީރުންނަށް މަރުގެ އަދަބު ދިނުމަށް އިޒްރޭލުން ފާސްކޮށްފައިވާ ގާނުނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، މާދަމާ ހަވީރު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އެއްވުން އޮންނާނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ. މި އެއްވުމަކީ ފަލަސްތީނުގެ އަސީރުންނާ މެދު ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދިވެހިންގެ ކަންބޮޑުވުން ފާޅުކުރުމަށް ބާއްވާ ހަރަކާތެކެވެ.

އިސްރާ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ޔަހޫދީ ދައުލަތުން ގާނޫނެއް ފާސްކުރުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. އަދި މިއީ ތާރީހުގައިވެސް އަދި އެއްވެސް ދީނެއްގައިވެސް ބަލައިގަންނާނެ ކަމެއް ނޫންކަން އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މާދަމާ ރާއްޖޭގައި ބާއްވާ މި އެއްވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަމާ ދެކޮޅަށް ބާއްވާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ބައެއް ކަމުގައި އިސްރާއިން ވަނީ ބުނެފައެވެ. އިސްރާ އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި މި ހަރަކާތް ކުރިއަށްގެންދަނީ ފަލަސްތީނުގެ އިލްމުވެރިންގެ ޖަމިއްޔާ އާއި، ގްލޯބަލް ކޯލިޝަން ފޯ ގުދުސް އެންޑް ޕަލަސްޓައިންގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެނިހެން ޖަމުއިއްޔާތަކުގެ އެދުމުގެ މަތިންކަމަށެވެ.

މާދަމާގެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ފަލަސްތީނުގެ އަސީރުންގެ ހައްގުގައި އަޑުއުފުލުމަށް އިސްރާ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.