މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވެ 3 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ރޭ މާލޭގެ ހ. ޝީރީންވިލާގައި ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ސާހިލްގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ތެރެއިން ސާބިތުވި ދެ ދައުވާއާ ގުޅިގެން އިއްވި ހުކުމެކެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ސާހިލްގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ތެރެއިން ދެ ދައުވާއެއް ޝަރީއަތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާކަމަށާއި އެހެންކަމުން، އެ ކުށްތަކުގެ އުގޫބާތެއްގެ ގޮތުން އޭނާ 3 އަހަރާއި 1 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާކަމަށެވެ.

މި މައްސަލައިގެ ޝަރީއަތްތައް ފެށުނީއްސުރެ ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކަމަށްވާތީ ސާބިތުވި ދެ ދައުވާއަކީ ސީދާ ކޮބައިކަން ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ބާކީ އޮތް ތިން ދައުވާގެ ހުކުމް މިހާތަނަށް އިއްވާފައިނުވާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި، ކެނަބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ. އަނެއް ދެ ދައުވާގެ ތަފްސީލު ދައުލަތުން އޮތީ ސިއްރުކޮށްފައެވެ.

ޝުއާއުގެ މަރުގެ މައްސަލައިގައި ސާހިލް ހައްޔަރުކޮށްފައިވަނީ ހަމަ އެރޭ ކުށުގެ ވެށިންނެވެ. މި މައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވަނީ މައްސަލައިގެ ބާވަތުންނާ އާއިލާގެ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހުގައެވެ. ޝަރީއަތުގެ މަރުހަލާގައި ސާހިލްގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީއާ މުއާމަލާތް ނުކުރާތީ އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. މިކަން ކްރިމިނަލް ކޯޓުންވެސް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ތަހުގީގު މަރުހަލާގައިވެސް އޭނާ ވަނީ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ދެކޮޅުހަދާފައެވެ.

ސާހިލްގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ތެރެއިން ބާކީ އޮތް ތިން ދައުވާގެ ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ތިން ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް ބުނެފައެވެ. އެ އަޑުއެހުންތަކަށްފަހު މައިގަނޑު ދައުވާތަކުގެ ހުކުމް އިއްވުމުގެ މަރުހަލާއަށް ކޯޓުން ދާނެއެވެ.

މި މައްސަލައިގެ އެންމެ ބޮޑު ދައުވާ ކަމަށްވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ހުކުމް އިއްވުން އޮންނާނީ އެއަށްފަހުގައެވެ.