ތެޔޮ ބޯޓެއްގައި މަސައްކަތްކުރަމުން ދަނިކޮށް ވީނުވީއެއް ނޭގި ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލި މައްސަލާގައި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ލިޓަން ގެއްލުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ފުރި "ހެދޭކުރި" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ނިޒާމާއެކު ދަތުރުކުރަނިކޮށެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ލިޓަންއަކީ "ފިއުލް ޕަވާ" ކުންފުނީގެ ތެޔޮ ބޯޓެއް ހިންގުމާ ހަވާލުވެ ހުރި މީހެކެވެ. ދައުލަތުން ތުހުމަތުކުރި ގޮތުގައި، ކ. ގަލުފަޅު ކިޔާ ސަރަހައްދަކަށް ލިޓަން މޫދަށް ވައްޓާލީ އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތުމުގެ ބޭނުމުގައެވެ. ހެކިންގެ ބަހުން އެނގޭ ގޮތުގައި ލިޓަން ފުރުމުގެ ކުރިން 90،000 އަށްވުރެ ގިނަ ރުފިޔާ އޭނާއަށް ލިބިފައިވެއެވެ.

މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ލިޓަން މޫދަށް ވައްޓާލިކަމަށް ތަހުގީގުގައި ނިޒާމް އެއްބަސްވެފައިވާ ކަމަށެވެ. ތަހުގީގަށް ބަޔާން ދިނީ މަޖުބޫރުކޮށްގެން ކަމަށް ނިޒާމްގެ ފަރާތުން ކޯޓުގައި ބުނި ނަމަވެސް، އެ ބަޔާން ނަގާފައިވަނީ ދިފާއީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި، ވީޑިއޯ ފުޓޭޖުންވެސް ނިޒާމްގެ ފަރާތުން އެއްވެސް ހާސްކަމެއް ފެންނަން ނެތްކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި މަޖުބޫރުކުރިކަމުގެ އެއްވެސް ޝަކުވާއެއް ކަމާބެހޭ އިދާރާއަކަށް ހުށަހަޅާފައި ނުވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނަމަވެސް، އިސްލާމީ ޝަރީއަތުގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން އެ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް ކޯޓުން ނިންމިއެވެ. އޭގެ ބަދަލުގައި، ގާނޫނުލްއުގޫބާތުގެ ދަށުން އިންސާނެއްގެ ފުރާނައާ މެދު ފަރުވާލެއްނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށް ނިޒާމްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން، ލިޓަންގެ ފައިސާ ވަގަށް ނެގިކަމުގެ ކުށްވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

މިއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތާރީހުގައި، ގެއްލިފައިވާ މީހެއްގެ ހަށިގަނޑު ނުފެނި މީހަކު މެރުމުގެ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ނިޒާމްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، ދައުލަތުން ވަނީ އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް އެދިފައެވެ. ނަމަވެސް، ލިޓަންގެ އާއިލާގެ ހާލަތު ބެލުމަށް ދައުލަތުން ވަގުތު ބޭނުންވާތީ، އަދަބު ކަނޑައެޅުމުގެ މަޖިލިސް ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ. މިހާރުވެސް ނާޒިމް ގެންދަނީ، ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.