މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަހީދު އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އަސްވާޑު) މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ވަހީދަކީ ދިވެހި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ދިގު މުއްދަތެއްގެ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މީސްމީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި އިބްރާހީމް ވަހީދު ވިދާޅުވީ، ގައުމަށާއި ގައުމުގެ ދިރުންހުރި ޒުވާނުންނަށް ހިދުމަތްކުރުމަކީ ހަގީގަތަކަށްވި ހުވަފެނެއް ކަމަށެވެ. އަދި މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަނީ ވަރަށް ބޮޑު ފަހުރުވެރިކަމަކާއެކު، ސާފު ނިޔަތަކާއި ތެދުވެރިކަމާއެކު ހިދުމަތްކުރެއްވުމަށްފަހު ކަމަށް އަސްވާޑު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ފުރުސަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް އޭނާ އަސްވާޑު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރުގެ މަގާމުން އަސްވާޑު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
