ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޔޫތު މިނިސްޓްރީން ބުނީ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފްތަރެއް އެކުލަވާލާފައިވާކަމަށެވެ އެގޮތުން ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފަންނުވެރިން ދަފްތަރުކުރުމުގެ އުސޫލާއި އެއްގޮތަށް ދަފްތަރުވުމަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު އައިޑީ ކޮޕީއާއި، ޕާސްޕޯޓް ސައިޒްގެ ފޮޓޯގެ އިތުރުން ޕޯޓްފޯލިއޯ ނުވަތަ ސީވީ އަދި އިގްރާރް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 25 މިލިއަން ރުފިޔާ ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވަނީ ފަންނުވެރިންނަށް ހާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެތަން ހުޅުވާ އާޓިސްޓުންނަށް އެ ތަނުގެ ބޭނުން ހިފޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމާއި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒުވާނުން ބާރުވެރިކުރުވުމަކީ ރައީސްގެ މުއިއްޒުގެ ސިޔާސަތުގެ ތެރެއިން ސިޔާސަތެކެވެ.