މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ޔޫތު މިނިސްޓަރު އިބްރާޙިމް ވަހީދު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ގައުމީ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްގީކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޒުވާނުންނަކީ މުސްތަގްބަލުގެ ލީޑަރުންނާއި ގައުމުގެ ބަތަލުންކަމަށާ މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުސްތަގްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާ، އިޖްތިމާއީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަހްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދަން ޖެހޭކަމަށެވެ. އަދި ގައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނެ ގިނަ ޒުވާނުން އެބަތިބިކަމަށާ އެފަދަ ޒުވާނުން ގައުމަށް ބޭނުންވާކަމަށެވެ. ޒުވާން ޖޯށާއި ބުންވަރުން މިއަދު ނުނެރުވުނު މުރާލިކަމެއް މާދަމާ ނުނެރެވޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޒުވާންކަމުގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ހަކަތައިން ގެއްލޭ ދުވަހެއްކަމަށެވެ. އަދި ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މާދަމާ ކުރެވޭނީ އެކަން ހާސިލްކުރަން މިއަދު ކުރާ މަސައްކަތަކުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ކަންނެތް ކަމުގައި ތިބެގެން ހާސިލްވާނެ އެކައްޗެއްވެސް ނެތްކަމަށާއި ތިމާގެ ކާމިޔާބާ، ނާކާމިޔާބު އޮތީ ތިމާގެ އަތުގައިކަމަށެވެ. އަދި ކޮންމެ ދާއިރާއެއްގެ މީހަކަށްވިއަސް ގައުމުގެ ކުރިއެރުމަށް އެމީހެއްގެ ހުނަރު ބޭނުންކުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
