ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިގެން ބާއްވާ ފުރަތަމަ ބައި-އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިއުލާނުކޮށްފައިވާ މި ބައި އިލެކްޝަނުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޭޕްރިލް 19، 2026 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.

ޕީއެންސީން ބުނީ މި އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އެ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފަދަ އެންމެހައި ލިޔެކިޔުންތައް، އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދައި ފުރިހަމަކޮށް ހުށަހަޅަންވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި މައިގަނޑު ދެ ޝަރުތެއް ފުރިހަމަވާންޖެހޭ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކުރާ އެންމެހައި ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީއެންސީގެ ދަފުތަރުގައި ހިމެނިފައިވާ މެންބަރަކަށް ވުން، ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅުމަށް އީސީން ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ފޯމު ހުށަހަޅާފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުތުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުންކަމަށް އެ ޕާޓީން ވަނީ ބުނެފައވެެ. ނަމަވެސް، ޝަރުތު ހަމަވާ އެންމެ ފަރާތަކުން ކުރިމަތިލައިފިނަމަ، ވޯޓަކާ ނުލައި އެ ފަރާތަކަށް ޓިކެޓް ކަށަވަރުވާނެއެވެ.

ޕީއެންސީން ބުނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ޖެހިއްޖެ ހާލަތެއްގައި، ވޯޓުލުން ކުރިއަށްދާނީ އޭޕްރިލް 25، 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00އަކަށް ކަމަށެވެ. އަދި މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައިވާ ޕީއެންސީގެ މެންބަރުންނަށާ، އެޕްރީލް 13، 2026 ގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ޕާޓީއަށް ވަނުމަށް އެދި އީސީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ. އިތުރަށް ޕީއެންސީން ބުނީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އަންނަ ހޯމަ ދުވަހު އާންމުކުރާނެ ކަމަށެވެ.

މީގެ އިތުރުން ޕީއެންސީން ބުނީ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހިތަދޫ އުތުރު ދާއިރާގެ އިތުރުން ވެރިރަށް މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކުގައި ކަމަށެވެ. އަދި ޕްރައިމަރީއެއް އޮންނަ ހާލަތުގައި އިންތިޒާމުތަކާއި އުސޫލުތައް ޕާޓީގެ އިންތިހާބީ ކޮމިޓީން ފަހުން އާންމުކުރާނެކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

މި އިންތިހާބަކީ ސިޔާސީ ގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިންތިހާބަކަށް ވާއިރު، އިދިކޮޅު އެމްޑީޕީންވެސް ދަނީ މި ގޮނޑިއަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.