ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފެށިގެން ދިޔައިރު މަޖިލީހުގެ ތަޅުމުން ފެނިގެން ދިޔައީ ހޫނު މަންޒަރެކެވެ. މުހިންމު ކަންކަމަށް ވާހަކަ ދެެއްކުމަށް ތާވަލުކޮށްފައި އޮތް އިރުވެސް އެންމެ ގަދަޔަށް އިވެމުން ދިޔައީ ކައުންސިލް އިންތިހާބާއެކު ސަރުކާރަށް ގިނަ ބަޔަކު ތާއީދު ކުރޭތޯ ނުކުރޭތޯ ދެކެވުނު ބަހުސެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ މެންބަރުން ސަރުކާރަށް ނޫނެކޭ ބުނާއިރު، ޕީއެންސީ މެންބަރުން ދެކޭގޮތުގައި ކައުންސިލް އިންތިހާބަށް ވޯޓުލާން ނުކުތް މީހުންގެ އަދަދުން ދައްކައިދެނީ ސަރުކާރަށް އޮތް ތާއީދެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަނީ އަނެއްކާވެސް އާ ލޮޅުންތަކެއް އައިސްފައެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށްފަހު، މައި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފައެވެ. އިންތިހާބުގައި 73 ޕަސެންޓް މީހުން ވޯޓުލާން ނުކުމެފައިވާއިރު، ދެ ޕާޓީންވެސް ދަނީ ނަތީޖާ މާނަކުރަމުންނެވެ. އެމްޑީޕީން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބުކުރިއިރު، ޕީއެންސީން ވަނީ ގިނަ ރަށު ކައުންސިލްތަކެއްގެ އަގުލަބިއްޔަތު ހޯދާފައެވެ. މި ތަފާތު ނަތީޖާތަކާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފެށިގެންދިޔައިރު މަޖިލީހުގެ ތަޅުމުގައި މި ދެ ޕާޓީގެ ކޯޅުން އިތުރަށް ހޫނުވެގެންދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
އެމްޑީޕީގެ ނަޒަރު: ސަރުކާރަށް ރައްޔިތުން ބުނީ ނޫނެކޭ
އެމްޑީޕީން ސިފަކުރާ ގޮތުގައި މި އަހަރުގެ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިހާބުގެ ނަތީޖާއަކީ ސީދާ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެކެވެ. އެ ޕާޓީން ބުނާ ގޮތުގައި ގިނަ ބަޔަކު ނުކުމެ ވޯޓުލައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ނޫނެކޭ ބުނެފައެވެ. ހާއްސަކޮށް، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ހުށަހެޅި ރިފަރެންޑަމް ވޯޓުގައި، ވޯޓުލީ މީހުންގެ 70 ޕަސެންޓު މީހުން ވަނީ އެކަމާ ދެކޮޅު ހަދައި، ސަރުކާރުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. މިއީ ސަރުކާރުގެ މިސްރާބާމެދު ރައްޔިތުން ހިތްހަމަނުޖެހޭކަމުގެ ސާފު ހެއްކެއް ކަމަށް އެމްޑީޕީން ދެކެއެވެ.
މީގެ އިތުރުން، މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކުރުމަކީ، އާބާދީ ބޮޑެތި ސަރަހައްދުތަކުން ސަރުކާރަށް ތާއީދު ނެތްކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުން މިވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާއި ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް ކުރަމުންދާ ކަންކަމަށް ފާޅުގައި ދެކޮޅުހަދާފައެވެ. އެހެންކަމުން، މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު އެ ޕާޓީން ވަނީ ދީފައެވެ.
ޕީއެންސީގެ ރައްދު: ވޯޓުލީ ނިސްބަތަކީ ސަރުކާރަށް އޮތް ތާއީދު
އެމްޑީޕީގެ ބަހުގެ ހަމަލާތަކަށް ޕީއެންސީން ވަރަށް ތަފާތު ރައްދެ ދެމުންދިޔަކަން މިއަދުގެ މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައެވެ. ޕީއެންސީން ބުނާ ގޮތުގައި ވޯޓުލީ މީހުންގެ ނިސްބަތް 73 ޕަސެންޓުގައި ހުރުމަކީ، ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި އިތުބާރު ދައްކައިދޭ ކަމެކެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރު، އެންމެ ގިނަ ކައުންސިލް ގޮނޑި ކާމިޔާބުކުރީ ޕީއެންސީން ކަމަށްވުމަކީ، ރާއްޖޭގެ ބޮޑު ބައެއް ސަރުކާރާއެކު އޮތްކަމުގެ ހެއްކެއް ކަމަށް އެ ޕާޓީން ވަކާލާތުކުރެއެވެ.
މީގެއިތުރުން ޕީއެންސީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިނާއަތެއް ފުނޑާލާފައެވެ. އަދި އަހުލާގީ ގޮތުންވެސް ރާއްޖެ މިހާ ދަށަށް ވައްޓާލީ އެމްޑީޕީން ކަމަށާއި، އެމްޑީޕީއަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށްވެސް ޕީއެންސީގެ އިސް ފަރާތްތަކުން ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. ޕީއެންސީން ދެކޭ ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ ބިންގާ ވަނީ ހަލާކުކޮށްލާފައެވެ. އަދި މިހާރު މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެމްޑީޕީން ހަލާކުކޮށްލި ގައުމު އަލުން އާރާސްތުކުރުން ކަމަށް ޕީއެންސީން ސިފަކުރެއެވެ.
ޕީއެންސީގެ ފާޑު ކިޔުންތައް އެމްޑީޕީގެ އެތެރޭގެ ހިންގުންތެރިކަމަށްވެސް އަމާޒުވެގެން ދިޔަތަން މިއަދު ފެނިގެންދިޔައެވެ. ހާއްސަގޮތެއްގައި އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީގެ ފަހަތުގައި ތިބި މީހުން މަތިން ހަނދާން ނެތި، ޕާޓީގެ މިސްރާބު އޮޅި، ޕާޓީގަަ ތިބި އިސްވެރިންގެ އަމިއްލަ އެދުންވެރިކަމުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެކަން އެނގި ހާމަވާކަން ޕީއެންސީން ފާހަގަކުރިއެވެ. ޕީއެންސީއިން ބުނީ ކައުންސިލް އިންތިހާބުގެ ނަތީޖާއިން މުހިންމީ ބަލި ގަބޫލުކުރުން ނުންކަމަށާއި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށް އިސްލާހު ކުރުން ކަމަށެވެ. އަދި އެކަން ކުރުމުގެ ހިތްވަރު އެޕާޓީގައި ހުރިކަމަށެވެސް ޕީއެންސީން ބުނަމުންދިޔައެވެ.
މަޖިލީހުގެ ތަޅުމަށް ކުރާނެ އަސަރާއި ސިޔާސީ ހަމަޖެހުން
ގައުމުގެ މައި ދެ ޕާޓީގެ މެދުގައި އުފެދިފައިވާ މި ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަރަށް ބޮޑަށް ހޫނުވެގެން ދާނެކަމާމެދު ޝައްކެއް ނެތެވެ. ލަފާކުރެވޭ ގޮތުގަ އެމްޑީޕީން މަސައްކަތްކުރާނީ އިންތިހާބުގެ ނަތީޖާއިން ލިބުނު ހިތްވަރާއެކު، ސަރުކާރުގެ ބިލުތަކަށާއި ސިޔާސަތުތަކަށް ހުރަސްއެޅުމަށެވެ. އަނެއްކޮޅުން، ޕީއެންސީން މަސައްކަތްކުރާނީ މަޖިލީހުގައި އޮތް އަގުލަބިއްޔަތު ބޭނުންކޮށްގެން، އެމްޑީޕީގެ ފާޑުކިޔުންތަކަށް ރައްދުދީ، ސަރުކާރުގެ އެޖެންޑާ ކުރިއަށް ނެރުމަށެވެ.
މި ކޯޅުމުގެ ސަބަބުން ގައުމުގެ ސިޔާސީ ހަމަޖެހުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމީ ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް، ގައުމަށް މުހިންމު ބިލުތައް ފާސްކުރުމުގައި ދަތިތަކާ ކުރިމަތިވެ، ސަރުކާރު ހިންގުމަށް ހުރަސްތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ދޫނުދީ، ހަރުކަށި ސިޔާސަތެއް ގެންގުޅޭނަމަ، އޭގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް ކުރާނެއެވެ.
ކުރިއަށް އޮތް މިސްރާބު
ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، ދެ ޕާޓީގެ މެދުގައި ވާހަކަދެކެވި، ސުލްހަވެރި ހައްލެއް ހޯދުމަކީ ވަރަށް ނާދިރު ކަމެކެވެ. އެމްޑީޕީން ދެކެނީ ރައްޔިތުން އެ ޕާޓީއަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މެންޑޭޓެއް ދީފައިވާ ކަމަށެވެ. ޕީއެންސީން ދެކެނީ ގައުމު ސަލާމަތްކުރުމުގެ ޒިންމާ އޮތީ އެ ޕާޓީގެ އަތްމަތީގައި ކަމަށެވެ. މި ދެ ފިކުރުގެ މެދުގައި އޮތް ފަރަގު ކުޑަކުރެވޭނެ ގޮތެއް އަދި ނުފެނެއެވެ.
މަޖިލީހުގެ ޖަލްސާތައް ފެށިގެން އެންމެ ފުރަތަމަ އެޖެންޑާކުރެވޭ ބިލުތަކުގެ ބަހުސާއެކު ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސްރަހު ބައްޓަންވެގެންދާނެ ގޮތް ވަރަށް ސާފެވެ. ހާއްސަކޮށް، ސަރުކާރުން ހުށަހަޅަން ތައްޔާރުވަމުންދާ އިގުތިސާދީ އިސްލާހުތަކުގެ ބިލުތަކަށް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީން ދޭނެ ރައްދަކީ، މި ދެ ޕާޓީގެ ކޯޅުން އަމަލީ ގޮތުން ފެނިގެންދާނެ އެންމެ ފުރަތަމަ މައިދާނަށް ވާނެއެވެ.
