މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިން ހައްޖަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ މި ހަނގުރާމައިގެ ކަންކަމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ރައީސް އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ދިވެހި ހައްޖުވެރިން އަންނަ މަހުގެ 15 ވަނަ ދުވަހު ފުރަން ފަށާނެ ކަމަށެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ހައްޖު ކޯޓާކަމަށާއި، މި ކޯޓާގެ ދަށުން ހައްޖަށްދާ މީހުންގެ ވިސާ އާއި އެކޮމޮޑޭޝަންގެ ކަންކަން ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހައްޖު ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ވަނީ މެއި މަހުގެ 25 ވަނަ ދުވަހެވެ. ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރަމުން ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖުވެރިން ގޮވައިގެން ދެ އެއާލައިނަކުން ޖުމްލަ 4 ދަތުރު ކުރާނެކަމަށެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ހުރިހާ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށް ހަތަރު ފްލައިޓެއް ބާއްވާއިރު ދަތުރުތައް ތާވަލުކޮށްފައިވަނީ އަންނަ މޭ މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހަށެވެ. މި ދަތުރުތައް ކުރާނީ ސައުދިއާ އެއާލައިން އަދި ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށެވެ.

ރާއްޖެއަށް ލިބުނު 1،000 ކޯޓާގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ސައުދިއާ އެއާލައިންގައި ގެންދިއުމަށް ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނުން ސައުދީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.