ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި ބަންގްލަދޭޝް މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އެމީހާ މާލެ ގެނެސް އިތުރު ފަރުވާ ދެމުންދާއިރު އައިޖީއެމްއެޗްއިން ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށާއި އެ މީހާއަށް ފަރުވާ ދެމުންދަނީ ވެންޓެިލޭޓަރުގައި ކަމަށެވެ.

އެއީ އެ ދޯނީގައި މަސައްކަތް ކުރާ މީހަކަށްވާއިރު އެ މީހާގެ 60 ޕަސެންޓު ފިހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހެނދުނު 9:30 އެހާއިރު ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އޭގެ ގަޑިއިރެއްހާއިރު ފަހުންނެވެ.

އެ ހާދިސާގައި އަލިފާންގަނޑު އިތުރަށް ފެތުރި ހަތަރު ދޯންޏަކާއި އެރަށު އައިސްޕްލާންޓު ވަނީ އަނދާފައެވެ. ހަަމައެއާއެކު ފީއަލީ ފިއުލް ޝެޑްގެ ބައެއްގައި ވެސް އަލިފާން ރޯވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގައި އަނދާ އަޅިއަށްވި އައިސްޕްލާަންޓަކީ މިދިޔަ އަހަރު އޮޕަރޭޝަނަށް ގެނައި އައިސްޕްލާންޓަކަށްވާއިރު އެ ޕްލާންޓުގެ ކެޕޭސިޓީއަކީ 25 ޓަނެވެ. ފުލުހުން ބުނިގޮތުގައި، މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ.