ފުރާޅު ސާފުކުރަން އުޅުމުގެ ތެރޭގައި ފ. ފީއަލީގައި ދެމީހަކު ކަރަންޓުގައި ޖެހިއްޖެއެވެ.
ފުލުހުން ބުނީ ފީއަލީ ގެއެއްގެ ފުރާޅު ސާފުކުރުމަށް އެރި ދެ މީހަކު މަގުބައްތި ހޮޅިދަނޑިއަކުން ތިރިއަށް ފައިބަނިކޮށް ކަރަންޓުގައި ޖެހި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ މި ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެ މީހުންކަމަށާއި، ދެ މީހުން ކަރަންޓުގައި ޖެހިފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށް ފަހު ފައިބަން އުޅުމުގެ ތެރޭގައިކަމަށެވެ. މޫސާ އަހުމަދު ވިދާޅުވީ އެއީ 27 އަހަރާއި 23 އަހަރުގެ ދެ ޒުވާނުންކަމަށެވެ.
އެގޮތުން މަގުގައި ހުރި ހޮޅިދަނޑިއެއްގައި އަތްލުމުން ކަރަންޓުގައި ޖެހުނީކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓުގައި ޖެހުމާ އެކު ދެ މީހުން މަގުމައްޗަށް ވެއްޓުނު ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށްވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.
މިހާރު އެ ދެމީހުން ވަނީ އިތުރު ފަރުވާއަށް ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް މޫސާ އަހުމަދު ވަނީ ވިދާޅުވެފައެވެ.
