ފ. ފީއަލީގެ އަލިފާނުގެ ހާދިސާގައި 20 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ އިރު، އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ޓީމެއް އެ ރަށަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ރަށަށް ޒިޔާރަތްކުރި ޓީމުގެ މައިގަނޑު މަގުސަދަކީ އެ ހާދިސާގެ ސަބަބުން ރަށުގެ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ގާތުން ބަލައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުން ކަމަށެވެ. މި ޒިޔާރަތުގައި މިފްކޯގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 9:15 ހާއިރު ފީއަލީ ބަނދަރުގައި ހިނގި މި ހާދިސާ ފެށުނީ، ބަނދަރުގައި އޮތް ތެޔޮ ބޯޓަކުން ތެޔޮ ހުސްކުރުމަށް ޕަންޕު ޖެއްސި ވަގުތު އެ ބޯޓުގައި ރޯވުމާ ގުޅިގެންނެވެ. އެމްއެންޑީއެފްގެ ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ޓީމުތަކުން ގަޑިއިރެއް ހާއިރުތެރޭ ކުރި މަސައްކަތުން އެ ދުވަހުގެ 10:35 ހާއިރު އަލިފާންގަނޑު ނިއްވާލިއެވެ. ނަމަވެސް މި ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން، ފާނަ މަސްވެރިކަން ކުރާ ބޮޑު ދެ ދޯނި ކަމަށްވާ “ވިންދު” އާއި “ޓާގެޓް” ހިމެނޭހެން ޖުމްލަ ހަތަރު ދޯންޏެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ފީއަލީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގެ ތެރެއިން

މީގެ އިތުރުން، އަލިފާނުގެ އަސަރުކޮށް، މިދިޔަ އަހަރު އެ ރަށުގައި ހުޅުވި 25 ޓަނުގެ މިފްކޯ އައިސްޕްލާންޓް ވެސް ވަނީ އެއްކޮށް އަނދާފައެވެ. މިފްކޯއިން މައުލޫމާތު ދޭގޮތުގައި، އެ އައިސްޕްލާންޓާއި ރޯވި އުޅަނދާ ދެމެދު ހުރީ ގާތްގަނޑަކަށް 15 ފޫޓުގެ ދުރުމިނެކެވެ. ފީއަލީ ކައުންސިލުން ބުނެފައި ވަނީ، މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަގު 20 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް މީހެއްގެ ހަށިގަނޑުގެ 60 ޕަސެންޓް ފިހިފައިވާއިރު، އޭނާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާގެ ސަބަބުން ފީއަލީގެ އިގުތިސާދުގެ މައިގަނޑު ބިންގާ ކަމަށްވާ މަސްވެރިކަމަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ހާއްސަކޮށް އައިސްޕްލާންޓް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމާއި، ތިން އާއިލާއެއްގެ އާމްދަނީ ހޯދާ އުޅަނދުތައް އަނދައިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެކެވެ. އެއްވެސް ދޯންޏެއް އިންޝުއަރެންސް ކޮށްފައި ނުވުމަކީ ވެސް ލިބުނު ގެއްލުން ފޫބެއްދުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރަށަށް ތެޔޮ ގެންނަ ދޯނި ވެސް އަނދާފައިވީ ނަމަވެސް، ކުދި ބޭނުންތަކަށް ފުދޭވަރަށް ރަށުގައި ތެޔޮ ހުރި ކަމަށާއި، އިތުރަށް ބޭނުންވެއްޖެ ހާލަތެއްގައި އެފްއެސްއެމް އިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އައިސްޕްލާންޓް އަނދާފައި / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިނިސްޓްރީގެ ޓީމުން ފީއަލީ ކައުންސިލާއި، މަސްވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑުއަހާފައެވެ. ސަރުކާރުން އަންނަނީ މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށާއި، ރަށަށް ބޭނުންވާ އައިސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް އަންނަނީ މި ހާދިސާއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންނެވެ. މިފްކޯއިން ވެސް ވަނީ އައިސްޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ޓެކްނިކަލް އެސެސްމަންޓެއް ހަދަން ފަށާފައެވެ.