އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)، މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕެޓިޝަން ހުށަހެޅީ މިއަދު ހަވީރު 55 މެންބަރުންގެ ސޮއިއާއެކުއެވެ.
ގަޕޯ މަގާމުން ވަކިކުރުމުގެ މަސައްކަތް ހޫނުވެފައި މިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަދި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިކަން އަންގައި ގަޕޯ ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލައާ ގުޅިގެންނެވެ. މައުރޫފް ވަކިކުރި ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައި ނުވާއިރު، އިބުރޭ ވަނީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުނެ ގަޕޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އެޖެންޑާއިން އުނިކުރި މައްސަލައިގައި ވެސް ޕާޓީ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މިއަދު ހުށަހެޅި ޕެޓިޝަނާއި ގުޅިގެން އެމްޑީޕީގެ ސެކްރެޓޭރިއަޓުން ގައުމީ މަޖިލީހުގެ މެންބަރުންނަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، ގަފޫރު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލާމެދު ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑިއާއި ތަން އަދި ހާމަ ކޮށްފައި ނުވެއެވެ.
ޣަފޫރު ވަކިކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ ފެކްޝަންގެ މެންބަރުންނެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން ރޮޒެއިނާ އާއި އޭނާގެ ފިރިކަލުން ނާޝިޒް ވެސް ވަނީ ޣަފޫރު ވަކިކުރަން ފެންނަ ކަމަށް ޕެޓިޝަނުގައި ސޮއި ކުރައްވާފައެވެ.
އަދި ފައްޔާޒް ވެސް ވަނީ ޕާޓީގެ އިސްލާހީ ދަތުރު ބައްޓަންކުރުމަށްޓަކައި، ޕާޓީގެ އެންމެހާ މެންބަރުންނާއި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
ޣަފޫރު ވަކިކުރަން ފެޓިޝަން ހުށަހެޅި ނަމަވެސް އޭނާ ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. އެކަން ހާމަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ޣަފޫރު ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގޮތް ނިންމެވުމަށް، ގައުމީ މަޖިލީހުގެ މެންބަރުންގެ ވޯޓު ނެގުމަށް ވެސް އޭނާ އެދިވަޑައިގެންފައި ވެއެވެ.
