މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓް މިއަދު މެންދުރުފަހު 14:16 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލު ގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވީ 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި އެކްސިޑެންޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން އެކްސިޑެންޓުގައި ކާރުގެ ފަހަތް އެއްކޮށް ހަލާކުވެ ބިއްލޫރި ތެޅިފައިވާއިރު، އެކްސިޑެންޓުވި ސައިކަލުގެ ހުންގާނުގެ ބައިތައް މަގުމައްޗަށް ބުރައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.