އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އިންޓެލިޖެންސް އޯގަނައިޒޭޝަންގެ އިސްވެރިޔާ މާޖިދު ހަދީމީ އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާނުގެ ސަލާމަތީ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ވެރިޔާ ކަމަށްވާ މާޖިދު ހަދީމީ އަވަހާރަކޮށްލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މި ހާދިސާ ހިނގި ސަރަހައްދާއި، މިކަން ހިނގަން މެދުވެރިވި ސަބަބުގެ ތަފްސީލެއް އިރާނުގެ ރަސްމީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މާޖިދު ހަދީމީއަކީ އިރާނުގެ ދާހިލީ އަދި ހާރިޖީ އިންޓެލިޖެންސްގެ ކަންކަން ބަލަހައްޓާ އެންމެ ވަރުގަދަ އެއް މުއައްސަސާގެ ވެރިޔާ ކަމަށްވުމާއެކު، މިއީ އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ލިބުނު ވަރަށް ބޮޑު ސިހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އިރާނުގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ މި ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް، އިރާނުގެ އިސްވެރިންނަށް އަމާޒުކޮށް މީގެ ކުރިންވެސް ދެވުނު މިފަދަ ހަމަލާތަކުގައި އިރާނުން ތުހުމަތު ކުރަނީ އިޒްރޭލުގެ ޖާސޫސީ އިދާރާތަކަށެވެ.
