ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މާލެ ކޮމާޝަލް ހާބަރުން އަތުލައިގެންފައިވާ ކަމަށެވެ. އަދި މިތަކެތި އަތުލައިގަތީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި މައްސަލަ ކަސްޓަމްއިން ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައިވާ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރުމުގެ އިތުރުން ރައީސް ވެރިކަމަށް ވަޑައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ނޮވެމްބަރު މަހުން ފެށިގެން އަމަލުކުރަން ފެށި މި ސިޔާސަތުގެ ދަށުން، ޖެނުއަރީ 2007 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި، އެފަދަ ތަކެތި ގަތުމަކީ މުޅި އުމުރަށް މަނާކަމެކެވެ. މިއީ 2023 ވަނަ އަހަރު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އާންމު ސިއްހަތު ކުރިއެރުވުމަށް ރައީސް މުއިއްޒު ދެއްވާ އިސްކަމުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
ރާއްޖޭގައި ވޭޕްގެ ބާވަތްތަގެ އެއްޗެއް ވިއްކައި ނުވަތަ ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.
މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
