ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ކާޓްރިޖް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ކަސްޓަމްސްއިން ހާމަކޮށްފައި ނުވެއެވެ.

އަދި ހައްޔަރުކޮށްފައި ވަނީ ދިވެއްސެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް މިހާތަނަށް ސާފެއް ނޫނެވެ. މިހާ ގިނަ ކާޓްރިޖް އަތުލައިގެންފައިވާއިރު މިދިޔަ ޖޫން މަހުވެސް ކަސްޓަމްސްއިން ވަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން ޖޫން 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި 15,601 ވޭޕް ކާޓްރިޖް އަތުލައިގަނެފައި ވެއެވެ. މިއީ ވޭޕް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމިފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނޮވެންބަރު 15، 2024 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކުރުމަށް ނިންމަވާފައެވެ. އަދި ޑިސެމްބަރު 15 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރުން މުޅިން މަނާވާނެއެވެ.

ވޭޕް މަނާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އަދަބުތަކަށް ބަލާއިރު، ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކަން ބެހެއްޓި ކޮންމެ އާލާތަކަށް އިތުރު 10,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކަށް ވޭޕް ވިއްކައިފިނަމަ އިތުރު 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ކަސްޓަމްސްއިން ބުނީ ޖޫން 20 ވަނަ ދުވަހު އަތުލައިގަތް ވޭޕް ކާޓްރިޖްތަކުގެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.