އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ، އެމަނިކުފާނު ފުރިހަމަ އިހުތިރާމާއެކު ބަލައިގަންނަވާ ކަމަށެވެ. އަދި މި އިންތިހާބުތަކުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއަދު ކުރިއަށްދިޔަ ތިން ތިންތިހާބުގެ ސިޓީތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރިފަރަންޑްރަމް އަށް ނޫނެކޭ ބުނެ 9000 އަށްވުރެ ގިނަ ރައްޔިތުން ވޯޓުލާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އުޅެނީ ވަރަށް ކުޑަ ފަރަގެކެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 4 ގެ ނިޔަލަށް 185،709 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 62.98 ޕަސެންޓު މީހުންނެވެ. އޭގެ ތެރޭގައި 92567 އަންހެނުން އަދި 93142 ފިރިހެނުން ހިމެނެއެވެ. މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
