ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އިންތިހާބަށް ކަނޑައެޅިފައިވާ ހުރިހާ ފޮއްޓެއްގައިވެސް ކަނޑައެޅިފައިވާ ގަޑިއަށް ވަނީ ވޯޓުލުން ފަށާފައެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހެނދުނު 9:00 ޖެހުމާ ހަމައަށް ޖުމްލަ 121 މީހަކު ވަނީ ވޯޓުލާފައެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓެވެ.
މީދޫ ކައުންސިލް ރައީސްގެ މަގާމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ މީދޫ ދާއިރާގެ ވޯޓު ފޮއްޓަކާ ގުޅޭގޮތުން ކުރެވުނު ޝަރުއީ ދައުވާއަކާ ގުޅިގެންނެވެ. އެގޮތުން، ކޯޓުން ކުރި ޙުކުމާއެކު އެއް ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައެޅުމުން، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ.
އެގޮތުން މިއަދުގެ މި އިންތިހާބުގައި ޖުމްލަ ތިން ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މީދޫގައި ހުންނަ ދ. އަތޮޅު މަދުރަސާގައި ބަހައްޓާފައިވާ ދެ ފޮއްޓާއި، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ހާއްސަކޮށް ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 1049 މީހަކަށް ލިބިގެންވެއެވެ. އޭގެ ތެރެއިން މީދޫގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ 587 މީހުންނެވެ. އަދި މާލޭގައި ވޯޓުލުމަށް 462 މީހުން ރަޖިސްޓަރީކޮށްފައިވެއެވެ.
