ކާމިޔާބު ލިބުނަސް، ނުލިބުނަސް ހަމަހަމަ ކަމާއެކު ހުރިހާ ރަށެއް ތަރައްގީކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އަދި އތމ ކޮމިޓީގެ އިންތިހާބު ގައި، އއ. ރަސްދޫއާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ރަސްދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ވާހަކަ ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ކާމިޔާބީއަކި ފާހަގަ ކުރަން ޖެހޭނެ ކަމެއްކަމަށް ފާހަގަކުރައްވާ ލިބުނު ކާމިޔާބީއެކުވެސް ހިތްތިރިކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެެއްވިއެވެ. އެގޮތުން ވެރިކަމަކީ އަމާނާތެއް، ޒިންމާއެއް، އަދި މަސްއޫލިއްޔަތެއްކަމަށާއި، ކައުންސިލްތަކަށާއި އތމ ކޮމިޓީ އަށް ހޮވުނު ބޭފުޅުން މިކަންކަން ހަނދާންކުރަންވާނެކަމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި މަގާމާ ހަވާލުވެލައްވައި، ރައްޔިތުން ދިން އިތުބާރު ހަނދުމަކުރައްވާ، ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިހުލާސްތެރިކަން އިސްކުރައްވަން ރައީސް ގޮވާލެއްވިއެވެ.

"މަސްދުވަހެއްހާ ދުވަސްތެރޭ މަގާމާ ހަވާލުވާއިރު ރައްޔިތުން ދިން އިތުބާރު އަމަލީ ގޮތުން ދަމަހައްތަން މަސައްކަތް ކުރަން ޖެހޭނެ. މަގާމާ ހަވާލުވާ ވަގުތުން ފެށިގެންވެސް ހަވާލުވި ޒިންމާ އަދާކުރުމުގަ ތެދުވެރިވެ، އަމާނާތްތެރިވެ އިހުލާސްތެރިވާން ޖެހޭނެ."
ރައީސް

ރައީސް އިތުރަށް ވިދާޅުވީ ވޯޓު ދިން މީހެކޭ ވޯޓު ނުދޭ މީހާވެސް ތަފާތުނުކޮށް، ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް އެދިލެއްވިއެވެ. އަދި އެކުވެރިކަމާ، ހަމަހަމަކަމާއެކު ޒިންމާދާރުވެރިކަމާއެކު މަސައްކަތް ކުރެއްވިއްޖެނަމަ ކާމިޔާބު އޮންނާނީ ވަރަށް ގާތުގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން އަޅުގަނޑުމެން މަސައްކަތްކުރާނީ މިހޮވިގެންދިޔަ ހުރިހާ ބޭފުޅުންނާއެކީގަ ރައްޔިތުންނަށް ހިދުމަތް ކުރުމުގަ ވަރަށް ގާތުން. އަޅުގަނޑުގެ ފަރާތުން އަދި ސަރުކާރުގެ ހުރިހާ ވެރިންގެ ކިބައިންވެސް ފެނިގެންދާނީ ހަމަހަމަކަން."
ރައީސް

ނިމިދިޔަ އިންތިހާބުގެ ނަތީޖާއަށް އަލިއަޅުވާލާ ރައީސް ވިދާޅުވީ ޖުމްލަކޮށް ބަލާއިރު، މުޅި ރާއްޖެއިން ގިނަ ގޮނޑިތަކެއް މި ސަރުކާރަށް ލިބިފައިވާކަމަށެވެ. އަދި ހުރިހާ ސިޓީގެ އިތުރުން ރިފަރެންޑަމް އިން ނާކާމިޔާބީ ލިބުނުކަން ފާހަގަކުރައްވާ ނިމިދިޔަ އިންތިހާބުގައި ކާމިޔާބީ އާއެކު ނާކާމިޔާބީވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކާމިޔާބީ ލިބުނު ރަށްރަށުގެ އިތުރުން އެންމެ ފުރިހަމަ ކާމިޔާބީއެއް ނުލިބުނު ރަށްރަށަށްވެސް ހަމަހަމަކަމާއެކު އެއްބާރުލުން ދީ، އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މިސަރުކާރުން އިސްކަމެއް ދެއްވާނެކަމަށެވެ.

"ނާކާމިޔާބީގަވެސް، ކާމިޔާބީގަވެސް ސިޔާސަތަކީ އަދުލުވެރިކަމާ އިންސާފުވެރިކަން އިސްކުރުން، މިގޮތަށް ކޮންމެ ރަށެއްގެ ތަރައްގީވެސް ބާރަށް ކުރިއަށް ގެންދާނަން"
ރައީސް

ރައީސް ގެ ވާހަކަފުޅުގައި ނިމިގެންދިޔަ އިންތިހާބުގައި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަ ކުރައްވާ މަރުހަބާ ވިދާޅުވެ، ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ޓީމުތަކެއް ކައުންސިލްތަކާއި، އތމ ކޮމިޓީއަށް ހޮއްވެވުމަށް، އަތުގުޅާލާ މަސައްކަތްކުރި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އަދި އތމ ކޮމިޓީގެ އިންތިހާބު ގައި، އއ. ރަސްދޫއާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި، އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އަދި ސަރުކާރުގެ އިސްބޭފުޅުން ރަސްދޫއަށް ވަޑައިގެންނެވިއެވެ.