މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގައި، މެންދުރު 1:00 އާ ހަމައަށް 2867 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1362 އަންހެނުންނާއި 1505 ފިިރިހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 6093 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މެންދުރު 1 ޖެހުމާ ހަމައަށް 3226 މީހުން އަދި ވޯޓުލާފައެއް ނުވެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ ފަސް ދާއިރާއެއްގައެވެ. އެއީ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަނު، ލ. މާވަށުގެ އިތުރުން ފުވައްމުލައް ސިޓީގެ ދަޑިމަގު އަވަށެވެ. މި ދާއިރާތަކުގެ ވޯޓުލުމަށްޓަކައި ޖުމުލަ 14 ވޯޓުފޮއްޓެއް ބެހެއްޓިފައިވެއެވެ. އޭގެ ތެރޭގައި ރަށްރަށުގައި ބެހެއްޓި 8 ފޮއްޓާއި މާލޭގައި ބަހައްޓާފައިވާ 6 ފޮށި ހިމެނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، ބައެއް ދާއިރާތަކުން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ، 19 އެޕްރީލް ވާ އާދިއްތަ ދުވަހުއެވެ.
