މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުލުން އައްޑޫ ސިޓީގައި ސުލްހަވެރިކަމާއެކު ކުރިއަށްދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންތިހާބުތަކުގެ ވޯޓުލުން ހެނދުނު 8 އިން 4 އަކަށް ކުރިއަށްދާއިރު އައްޑޫ ސިޓީގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރަމުން ނިޒާރު 'ދަ ޕްރެސް' އަށް ވިދާޅުވީ، ވޯޓުލުމުގެ ކަންކަން އެ ސިޓީގައި އަމާންކަމާއެކު ކުރިއަށްދާ ކަމަށެވެ.

އަދި ވޯޓުލުން ގަޑިއަށް ފެށުމުގެ އިތުރުން މިއަދު ހެނދުނު 10:00 އަށް ގާތްގަނޑަކަށް 15 ޕަސެންޓު މީހުން ވޯޓު ފޮށިތަކަށް ވޯޓު ލާފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. މި އިންތިހާބަކީ އައްޑޫ ސިޓީ އިން ހުޅުދޫ އަދި މީދޫ ވަކިވުމަށްފަހު ބާއްވާ ފުރަތަމަ އިންތިހާބަށްވާއިރު މޭޔަރު ވަނީ ވީހާވެސް ގިނަ ބަޔަކު ވީ އެންމެ އަވަހަކަށް ވޯޓު ލާން ނުކުތުމަށް އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ހެނދުނު 8:00 ގައި ވޯޓުލާން ފެށި ފަހުން ދެ ގަޑިއިރުގެ ތެރޭގައި ވަނީ 41،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން 13 ޕަސެންޓެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ.

އެއީ 1،322 ކެންޑިޑޭޓުންނެވެ.ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.